ވައިބާ ހެކްކޮށްގެން ފައިސާ ފޭރޭތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ ވައިބާ ހެކްކޮށްގެން ސްކޭމް ކުރާ މައްސަލަތައް ހުށަހަޅަނީ ހަމައެކަނި ސްކޭމް ސެންޓާ އަށް އެކަނި ނޫން ކަމަށާއި އަތޮޅުތެރޭގެ އިތުރުން މާލެ ސަރަހައްދުގެ ސްޓޭޝަންސް ތަކަށްވެސް ސްކޭމްގެ މައްސަލަތައް ހުށަހަޅާ ކަމަށެވެ.
ފުލުހުން ބުނީ ވައިބާ އަށް އަންނަ ވެރިފިކޭޝަން ނުވަތަ އޯޕީޓީ ކޯޑު އެއްވެސް ފަރާތަކަށް ހިއްސާ ނުކުރުމަށް އެދޭ ކަމަށެވެ. އަދި ފައިސާ ފޮނުވާ އިރު، ފައިސާ ފޮނުވާ ފަރާތް ކަށަވަރު ކުރުމަށާއި ވައިބާ ހެކް ކޮށްގެން، ގާތް ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތަކަށް ސަމާލުވުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.
އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 119 ނުވަތަ 3322111 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.