ދިވެހިބަހުގެ ގައުމީ ސިޔާސަތު އެކުލަވައިލުމުގެ މަޝްވަރާތައް ފަށައިފިއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، މާދަރީ ބަހުގެ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވައި ވާހަކަފުޅުދައްކަވަމުން ދިވެހިބަހުގެ ސިޔާސަތެއް އެކުލަވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެން އެފަދަ ސިޔާސަތެއް އެކުލަވައިލުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށެވެ.
އަޝްރަފް ވިދާޅުވީ ބަހުގެ ސިޔާސަތެއް އެކުލަވައިލުމުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ދިވެހިބަހުގެ ހާލަތު ދެނެގަތުމަށްޓަކައި އިލްމީ ދިރާސާތައް ކުރުމާއި ބަހަށް ކުރިމަތިވަމުންދާ ހުރަސްތަކާއި މައްސަލަތައް އެކި ނަޒަރުތަކުން ދެނެގަތުމަށްޓަކައި ކުރަންޖެހޭ ދިރާސާތަކެއް ވެސް އެބަހުރި ކަމަށެވެ. މިހެން ވުމުން އެފަދަ ދިރާސާތައް ކުރިއަށް ގެންދެވޭނީ ކިހިނެއްކަމާއި، ބަހުގެ ސިޔާސަތު އެކުލަވާލުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މަޝްވަރާތައް ފަށްޓަވައިފައިވާ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ މި މަޝްވަރާ ބައްދަލުވުންތައް އިއްޔެ ފަށްޓަވާފައިވާ ކަމަށާއި މިއަދު އޭގެ ދެވަނަ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ފުރަތަމަ ދެލިކޮޕީއަކަށް ވާ މިންވަރަށް މަސައްކަތްތަކެއް ކުރިއަށް ގެންދެވި އެއަށް ބޭނުންވާ މައިގަނޑު އަސާސްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭ މި ސިޔާސަތުގެ ފުރަތަމަ ދެލި ކޮޕީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނުގެ ލަފާފުޅަށް ފޮނުއްވާނޭ ކަމަށް ވެސް އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.