މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން، ފަސް އާއިލާއަކުން 23 މީހަކު ވަގުތީ ހިޔާއަށް ބަދަލުކޮށްފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، މިއަދު 10:30 އާ ހަމައަށް އެހީއަށް އެދި 256 ކޯލު ލިބުނު ކަމަށާއި ފެންބޮޑުވެގެން ހާލުގައި ޖެހުނު ފަސް އާއިލާއެއްގެ 23 މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނީ، ގެތަކަށް ފެން ވަނުން މަދުކުރުމަށް 248 ގޭބިސީއެއްގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ. އަދި ނަރުދަމާ މައްސަލަ ޖެހުނު 12 ގެއަކަށް އެޓެންޑުވެފައިވާ ކަމަށްވެސް ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފައިވާ ގޮތުގައި މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ މާލެއަށެވެ. އެއީ 89.4 މިލިމީޓަރުގެ ވާރޭއެވެ.
މާލެއަށް އިއްޔެ ހެނދުނުން ފެށިގެން ވެހެން ފެށި ވާރޭ ހުއްޓާލައިފައި ވަނީ ރޭގެ ވަގުތެއްގައެވެ. މާލޭގެ ހުރިހާ މަގެއްހެން އޮތީ ފެންބޮޑުވެފައެވެ. ބައެއް މަގުތަކުން އަދިވެސް އެއްކޮށް ފެން ނުހިދެއެވެ.