ޚަބަރު

ވިއްސާރައާ ގުޅިގެން މާދަމާ ސަރުކާރު ބަންދު

މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖެއްސެވީ ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ވަޒީފާއަށްދާ މީހުންނަށާއި ކިޔަވާ ކުދިންނަށް، ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމުން، ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ ވިއްސާރައިގެ ސަބަބުން އާއިލާތަަކަށާއި ގޯތިގެދޮރަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާއި ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީކަން ދެއްވާ ކަމަށެވެ.

ވިއްސާރައިގެ ބައެއް ރަށަރަށަށް އުދަވެސް އަރަމުންދާ އިރު، މެދުނުކެނޑި ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރަށު ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށްވެސް ފެން ވަދެފައިވާ އިރު، މޫދަށް ކޯރު ކަނޑައިގެން ރަށުތެރެއިން ފެން ބޭރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މާލެއަށްވެސް މެދުނުކެނޑި ވާރޭ ވެހެމުންދާތީ، ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މަގުތަކުން ފެން ހިންދުމަށް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މާލޭ ސަރަހައްދަށް މިވަގުތު ވައިވެސް އާދަޔާ ހިލާފަށް ގަދަވެފައިވާތީ، މަގުތަކުގައި ސައިކަލު އަދި ބައިސްކަލު ދުއްވާ ފަރާތްތަކުން ވެސް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ. ވަކީން ހާއްސަކޮށް ބުރިޖު ހުރަސްކުރާ އިރު، ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.