ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ރިހަފޮޅިއަކީ ރަނގަޅަށް ތައްޔާރުކޮށްލެވިއްޖެނަމަ ވަރަށް މީރު ކެއުމެކެވެ.
މަސްގަނޑަށް ބޭނުންވާ ތަކެތި:
1 ދަޅު މަސް
1 ފިޔާ (ކޮށާފައި)
3 ސަމުސާ ކުކުޅު ހަވާދު
1 ގިތެޔޮ މިރުސް (ކޮށާފައި)
1/2 އިންޗި އިނގުރު (ގާނާފައި)
3 ލޮނުމެދު (ގާނާފައި)
1 ލުނބޯ
2 އިންޗީގެ 3 ރާނބާފަތް
ހިކަނދިފަތް، ރީނދޫ، ލޮނު
މަސްގަނޑު ތައްޔާރުކުރާނެ ގޮތް:
ތެއްޔަށް ކުޑަ ތެޔޮ ފޮދެއް އެޅުމަށްފަހު އުނދުން މައްޗަށް އުދާފައި، ފިޔާ، ހިކަނދިފަތް، ގިތެޔޮ މިރުސް، ރާނބާފަތް އަޅައިގެން ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހާކާށެވެ.
ފިޔާ ކޮޅު މޯޅިވެ ހިހޫ ވުމުން ތައްޓަކަށް ނެގުމަށްފަހު އޭގެ ތެރެއަށް މަސް އިނގުރު ލޮނުމެދު، ލޮނު، ކުލަ ހިފާވަރަށް ރީނދޫ އަދި ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑެލާށެވެ. މޮޑެވުނީމަ ރަހަ ހެޔޮވަރުކުރުމަށްފަހު، ރާނބާފަތްކޮޅުތައް ނަގާށެވެ. އެހުރީ ރިހަފޮޅިއަށް ބޭނުންވާ މަސްގަނޑު ތައްޔާރުކުރެވިފައެވެ.
ފުށްގަނޑު ތައްޔާރުކުރާނެ ގޮތް:
2 ޖޯޑު ފުށް
2 ބިސް
ބައި ޖޯޑު ކާށި ކިރު
ލޮނު
އެންމެ ފުރަތަމަ މިކްސަރަށް، ފުށް، ބިސް، ކިރު، ކުޑަ ލޮނުކޮޅެއް، ކުލަ ހިފާވަރަށް ރީނދޫކޮޅެއް އެޅުމަށްފަހު އެއްޖޯޑު ފެން އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ގިރާއިރު ފުއްގަނޑު ބަހައްޓާނީ ފޮޅި ފިހެވޭ ވަރަށެވެ. އެއަށްފަހު ފޮޅި ފިހެވުމުން އޭގެ ތެރެއަށް މަސްގަނޑުން ކުޑަ މަސްކޮޅެއްލުމަށްފަހު ފޮޅި އޮޅައިލާށެވެ. ކޮންމެ ފޮޅިއެއްވެސް ފިހެވުމުން ހަމައެގޮތަށް މަސް އެޅުމަށްފަހު އޮޅާނީއެވެ. ފޮޅި ފިހަމުން ފޮޅިއަށް މަސް އެޅުމުގެ ބަދަލުގައި ހުރިހާ ފޮޅިއެއް ފިހެ ނިންމުމަށްފަހުވެސް ފޮޅިއަށް މަސް އަޅައި އޮޅާލެވިދާނެއެވެ. މިހެން ހެދުމުން ގިނަވަގުތު އުނދުން ކައިރީކޮޅަށް ނުހުރެ ފަސޭހައިން ފޮޅި އޮޅައި ނިންމައިލެވޭނެއެވެ.