މިއަދު ހެނދުނުން ފެށިގެން މެދު ނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލެ ފެނުއަޑިއަށް ގޮސް ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ހިނގާ މީހުންނަށާއި ވެހިކަލްތައް ދުއްވުމަށް ވަނީ ހުރަސްއެޅިފައެވެ.
ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނު 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހޭ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަގުތަކުން ފެން ހިންދުމުގެ މަސައްކަތަށް ސިފައިން މަގުތަކަށް ނެރެފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ވާރޭ ވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ. އަދި ބައެއް ގެތަކަށް ފެން ވަނަ ނުދިނުމަށް ވެލިބަސްތާ ޖަހަމުން އަންނަ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"އައިޖީއެމްއެޗު ސަރަހައްދާއި ވެސްޓް ޕާކް ސަރަހައްދާއި ޕިއްޒާ ބޯނާ ސަރަހައްދާއި ބޮޑު ވަޅު ސަރަހައްދާއި ދިރާގު ކައިރިއާއި ދަރުބާރުގެ ސަރަހައްދުގައި ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުން" އޮފިޝަލް ވިދާޅުވިއެވެ.
ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެފައިވާއިރު، ކ އަތޮޅުން ފެށިގެން އދ. އަތޮޅަށް ވަނީ މިއަދު މެންދުރުފަހު 2:15 އިން އިރުއޮއްސި 6:15 އަށް އޮރެންޖު އެލާޓް ނެރެފައެވެ.