މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހއ. ކެލާގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގިނަ ގޭގެއަށް ފެންވަދެ، ގެތަކުން ނަޖިސް ފެން މަައްޗަށް އަރަމުންދާ ކަމަށް ކެލާ ކައުންސިލުން ބުނެފިއެވެ.
އެރަށުގެ ކައުންސިލު މެންބަރު މުއާޒް އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ ކެލާގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.
"ޕޮލިހުންނާއި އާންމުންނާއި ކައުންސިލުން ގާތްގަނޑަކަށް 20، 30 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ. މިހާރު ފެން ބޮޑުވެގެން ގެތަކުތެރެއިން ފާހާނަތަކުން ފެންއަރާތީ ކޮންޓްރޯލު ނުކުރެވިގެން އަދި މިއުޅެނީ." މުއާޒް ވިދާޅުވިއެވެ.
ގެތަކުގައި ފެންބޮޑުވެފައި ނަޖިސްފެން ބޭރުވި ނަމަވެސް އަދި މިވަގުތު ރައްޔިތުން ތިބީ އެމީހެއްގެ އަމިއްލަ ގޭގައި ކަމަށާއި ނަމަވެސް އިިރުއޮއްސުމާއި ހަމަޔަށް ގެތަކުން ފެން ނުހިންދޭ ނަމަ އެމީހުން ކެލާ ކައުންސިލުގެ ބެލުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިވަގުތު ރަށުތެރެއިން ފެން ހިންދަން ރަށުގެ ފަސް ސަރަހައްދަކުން މޫދަށް ކޯރު ކަނޑާފައިވާނެ ކަމަށްވެސް މުއާޒް ވިދާޅުވިއެވެ.
ކެލާ ކައުންސިލުގެ އެފްބީ ޕޯސްޓްތަކުގެ ޕޮޓޯތަކުން ފެންނަނީ ރަށުތެރޭ ފެންބޮޑުވެގެން މޫދާ ދިމާލަށް އެކި ސަރަހައްދުތަކުން ކޯރު ކަނޑާފައިވާ މަންޒަރެވެ.