ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖެއަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވެފައި ވާތީ، ދަތުފަތުރު ކުރުމުގައި ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް (އެންޑީއެމްއޭ) އިލްތިމާސްކޮށްފިއެވެ.
އެންޑީއޭއިން މިއަދު ބުނީ ކުރިޔަށް އޮތް ފަސް ދުވަހުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއި ގުގުރުމާއެކު ގަޑިއަކު ގާތްގަނޑަކަށް 40 މޭލާއި 45 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބެލުމަށް ފަހު ނޫނީ ދަތުރު ނުކުރުމަށް ބެސް އެންޑީއެމްއޭ އިން އިލްތިމާސްކުރެއެވެ.
ވިއްސާރައިގެ ބައެއް ރަށަރަށަށް އުދަވެސް އަރަމުންދާއިރު، މެދުނުކެނޑި ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ބައެއް ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. ރަށު ތެރޭގައި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށްވެސް ފެން ވަދެފައިވާއިރު، މޫދަށް ކޯރު ކަނޑައިގެން ރަށުތެރެއިން ފެން ބޭރުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މާލެއަށްވެސް މެދުނުކެނޑި ވާރޭ ވެހެމުންދާތީ، ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. މަގުތަކުން ފެން ހިންދުމަށް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މާލޭ ސަރަހައްދަށް މި ވަގުތު ވައިވެސް އާދަޔާ ޚިލާފަށް ގަދަވެފައިވާތީ، މަގުތަކުގައި ސައިކަލު އަދި ބައިސްކަލް ދުއްވާ ފަރާތްތަކުން ވެސް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ. ވަކީން ހާއްސަކޮށް ބުރިޖު ހުރަސްކުރާއިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.