ހުވަދު އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި މަޝްވަރާކުރެއްވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހުވަދު އަތޮޅަށް ފުރާވަޑައިގަންނަވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރުގެ މިދަތުރަކީ، މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެއްލެވުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
އަދި މިއީ ރަށްރަށުގެ ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމާއި ގުޅޭގޮތުން ރަަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލުތަކާއި އަދި އެ ވިޔަފާރީގެ އެންމެހާ މަސްލަހަތު ވެރިންނާއި ބައްދަލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެމިނިސްޓްރީން ކުރަމުން އަންނަ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކަމަށެވެ.
މިދަތުރުގައި ގދ. ތިނަދޫ، ކާޑެއްދޫ، ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫއަށް މިނިސްޓަރު އަލީ ވަހީދު ވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިނިސްޓަރުގެ މިދަތުރުގެ މަގުސަދަކީ ހުވަދޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ސިޔާސަތު ބައްޓަން ކުރުމާއި ބޭނުންވާ ހިޔާލާއި ލަފާ ހޯދުމެވެ.
އެގޮތުން ގދ. އަތޮޅު ކައުންސިލާއި ތިނަދޫ ކައުންސިލާއި ގއ. އަތޮޅު ކައުންސިލާއި ގއ. ވިލިނގިލީ ކައުންސިލާއި އަދި ދާއިރާގެ މަސްލަހަތު ވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ.
މިދަތުރުގައި އެމްއައިޓީޑީސީ ގެ އެމްޑީ މުހައްމަދު ރާއިދުއާއި ޓޫރިޒަމް މިނިސްޓްރީއާއި އެމްއައިޓީޑީސީގެ އޮފިޝަލުން ބައިވެރިވެވަޑަގަންނަވާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.