އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު، އެ ޕާޓީއަށް އަލުން ސޮއިކުރައްވައިފިއެވެ.
އޭނާ "އެކްސް"ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަތް އަހަރާއި ހަތް ދުވަސް ފަހުން އަނެއްކާ ވެސް އަނބުރާ ގެއަށް ވަޑައިގެންނެވުނީ ކަމަށެވެ.
"އިރާދަފުޅުން އެމްޑީޕީއަށާއި މުޅި ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ހިދުމަތް ކުރާނަން،" ކުރީ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުކަންވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުތަކުގެ ސަބަބުންނެވެ. އެ މައްސަލައިގައި އޭނާއަށް ދައުވާވެސް ކުރިއެވެ. ނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ގޮތަށް އެނބުރި ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔަ ފަހުން، މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
ރާއްޖެ ވަޑައިގެން އަލީ ވަލީދު އެންމެ ފަހުން މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކެމްޕެއިން ކުރެއްވުމުގައެވެ.
ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި އަލީ ވަހީދު، ފުރަތަމަ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ 2011 ވަނަ އަހަރެވެ. އޭރު އޭނާ ހުންނެވީ ތޮއްޑޫ ދާއިރާގެ މަޖިލިސް މެމްބަރުގެ ގޮތުގައެވެ. އަދި އެމްޑީޕީ ޗެއާޕާސަން ކަމުގައި ހުންނެވުމަށްފަހު، އެޕާޓީން ވަކިވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގައި ބޭރަށް އަރުވާލެވިގެން ހުންނެވުމަށްފަހު، އެޕާޓީއަށް ވަގުތު ނުދެއްވޭތީ ކަމަށް ވިދާޅުވުމަށްފަހުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، އަލީ ވަހީދު ވަނީ ތީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.