ޚަބަރު

ގުޅިފަޅުން ބިން ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރެވޭނެ ތާރީހެއް ނޭނގެ: މިނިސްޓަރު

އިބްރާހިމް ޒަކީ

ގުޅިފަޅުން ބިން ލިބުނު ފަރާތްތަކަށް ބިން ހަވާލު ކުރެވޭނެ ތާރީހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ބޯހިޔާވަހިކަމަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް ގުޅިފަޅުން ގޯތިދޭން ބަލާއިރު އެ ބިން އެއްކޮށް ހިއްކައި ނުވެސް ނިމޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގުޅިފަޅަކީ މިވަގުތު ބްރިޖު މަސައްކަތަށް ވަރަށް ބޮޑަށް ބޭނުންކުރަމުންދާ ސައިޓަކަށްވާތީ އެސައިޓް ހުސް ކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުހާ ތަނަށް. ބުރިޖުގެ މަސައްކަތްތަކަށް އެ ސައިޓް ބޭނުންކުރަމުންދާ އިރު، އެތަނުން ބިން އެލޮކޭޓް ކޮށްގެން މީހުންނަށް ބިން ދޫކުރެވޭނީ އެތަނުގެ މަސައްކަތް ނިމުނީމަ އެއީ އެތަނުގައި ވަރަށް ބޮޑެތި ހެވީ ވެހިކަލްތައް ދުއްވައި ހަދާތީ، ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ކަށްމުޑިތައްވެސް އެއްކޮށް ހަލާކުވެގެން ހިނގައްޖެ،"

މިނިސްޓަރު ވިދާޅުވީ، ގުޅިފަޅުން ބިން ހަވާލު ކުރުމުގައި ބަލަންޖެހޭ އެހެން ކަންތައްތަކެއް ވެސް އެބައޮތް ކަމަށެވެ. އެގޮތުން އެތަނުން ބިން އެލޮކޭޓް ކޮށްފައި ހުރީ ދިރިއުޅެން އެކަށީގެންވާ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެން ތައްޔާރު ކުރި ލޭންޑް ޔޫސްޕްލޭނަކަށް ބިނާކޮށް އެތަނުގައި ތަކުލީފަކާ ނުލައި ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތަށް އުމްރާނީ، އިގްތިސާދީ އަދި އިޖްތިމާއީ ވަސީލަތްތަކާ އެކީގައި އެތަން ތަރައްގީ ކުރުމާބެހޭ ލޭންޑްޔޫސް ޕްލޭނެއް ތައްޔާރުކޮށް އެ ޕްލޭން ފާސްކުރުމަށް ގުޅިފަޅުގެ ކޮމިއުނިޓީއާ ބައްދަލުކޮށް މަޝްވަރާކޮށް އެ ޕްލޭނަށް އޮންނާނީ މިހާރު ބަދަލުތަކެއް ގެނެސްފައި، އެ ޕްލޭން ފާސްކުރުމުގެ އެންމެ ފަހު މަރުހަލާގައި މިހާރު އުޅެނީ،"

މިނިސްޓަރު ވިދާޅުވީ، ގިރާވަރުފަޅުން ގޯތިދިން ބަޔަކު ގުޅިފަޅަން ބަދަލުކުރަން ޖެހޭ ކަމަށެވެ. މިހާރު އެ މަސައްކަތްކޮށް ނިންމާފައިވާ ކަމަށާއި އެކަމަށްޓަކައި ބޭއްވި ގުރުއަތުން ހޮވުނު ފަރާތްތަކަށް ގުޅިފަޅުން ޖާގަ ދޭގޮތަށް ނިންމައި ލޭންޑް ޔޫސް ޕްލޭނަށް އެބައި އިތުރުކޮށްފައިވާ ކަމަށެވެ.

ކުރީ ސަރުކާރުން ގޯތިތައް ދީފައި ހުރީ ކަނޑުންނާއި ފަޅުން ކަމަށާއި އެހެންކަމުން އެތަން ހިއްކައިފައި ނޫނީ ގޯތިތައް ހަވާލު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެތަނުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވިދާޅުވާ އިރު، އެކަމާބެހޭ ގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން އެކަން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"ނިމޭނެ ވަކި ދުވަހެއް ވިދާޅެއް ނުވޭ، 85 ހެކްޓަރު އަދި ހިއްކަން އެބަ އޮތް، އެ ހިއްކައި ނިމުނީމަ އެތަނުން ގޯތި ހަވާލު ކުރެވޭނީ، ހަވާލުކުރެވޭ ވަކި ތާރީހެއް މިވަގުތު ދަންނަވަން ދަތި، ލޭންޑް ޔޫސް ޕްލޭން ފާސްކޮށް އެއަށް އަމާޒުކޮށް ސާވޭއެއް ކޮށްފައި ބިން ކަނޑައެޅިދާނެ. ނަމަވެސް އެތަނުގައި ޖަހާ ކަންމުޑިތައް ހުންނާނެ ކަމުގެ ޔަގީންކަމެއް ނެތް، އެހެންކަމުން އަލުން ހަރަދުކޮށްގެން ފަހުން އެކަން ކުރަންޖެހޭ އިރު މިވަގުތު އެކަންކުރަން އެކަށީގެނެއް ނުވޭ، ބުރިޖު މަސައްކަތްކުރަމުންދާތީ،" މިނިސްޓަރު ވިދާޅުވިއެވެ.