ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނައިބު ރައީސުންނަށް އިނާޔަތް ދޭބިލު ވެސް ގާނޫނުއަސާސީއާ ތައާރަޒުވާތީ، ރައީސް ތަސްދީގެއް ނުކުރެއްވި

އިބްރާހިމް ޒަކީ

1

ނައިބު ރައީސުންނަށް އިނާޔަތް ދޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ވެސް ގާނޫނުއަސާސީއާ ތައާރަޒުވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު "ވަން އޮންލައިން" އަށް ވިދާޅުވީ ރައީސް ސޯލިހު އެބިލު އަލުން ވިސްނުމަށްޓަކައި ބަޖިލީހަށް ފޮނުއްވެވީ ގާނޫނުއަސާސީއާ ތައާރަޒް ވުމުގެ އިތުރުން، ނައިބު ރައީސުން މަގާމުގައި ތިއްބަވަން ޖެހޭ މުއްދަތާ ބެހޭގޮތުންވެސް އެއްޗެއް ބިލުގައި ހިމަނާފައި ނުވާތީ ކަމަށެވެ.

ހޫދު ވިދާޅުވީ ނައިބު ރައީސުންނަށް އިނާޔަތްދޭން ޖެހޭނެ ކަމަށް ބުނާ ބާބެއް ގާނޫނު އަސާސީގައި ނެތްކަމަށެވެ. އައި ދެ މަހަށް ނައިބު ރައީސްކަން ކުރެއްވިޔަސް އިނާޔަތް ދޭންޖެހޭ ގޮތަށް ބިލުގައި އޮތުމަކީވެސް ސަބަބެއް ކަމަށް ހޫދު ވިދާޅުވިއެވެ.

ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، މާލީ އިނާޔަތުގެ ގޮތުގައި ދައުލަތުން 35،000 ރުފިޔާގެ އިނާޔަތެއް ދޭން ބިލުގައި ވަނީ ފާސްކޮށްފައެވެ.

ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އެ ބިލުގައި ވާގޮތުން، ބިލް ތަސްދީގު ކުރާ ދުވަހުން ފެށިގެން، ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ވަހީދުއްދީނާއި ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން އަބްދުﷲ ޖިހާދަށް އިނާޔަތް ލިބިވަޑައިގަންނަވާނެއެވެ.

ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ދެވަނަ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާތީ އޭނާ އަށް އިނާޔަތާއި ރައްކާތެރިކަމެއް ނުލިބޭނެ އެވެ. މީގެ އިތުރުން ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވ އިރު ހުންނެވި، ނައިބު ރައީސް ޑރ. މުހައްމަދު ވަހީދަށްވެސް އިނާޔަތް ލިބިވަޑައެއްނުގަންނަވާނެއެވެ. އެއީ އެމަނިކުފާނު ފަހުން ރައީސްކަން ކުރައްވާފައި ވާތިއެވެ.

އޭޕްރީލް މަހުގެ 29 ގައި ބޭއްވި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާއިން ފާސްކުރި މި ބިލުގައިވާ ގޮތުން ނައިބު ރައީސަކު ބޭނުންވެއްޖެ ހާލަތެއްގައި އެކަށީގެންވާ ފެންވަރަކަށް ސަލާމަތީ ހިދުމަތް ފޯރުކޮށްދޭން ވާނެއެވެ. އަދި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖެ އާއި ބޭރު ގައުމުތަކުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ، ނައިބު ރައީސަކު އެދިއްޖެ ނަމަ، މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ދައުލަތުގެ ހަރަދުގައި ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށާއި، ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވީއައިޕީގެ ހިދުމަތް ފޯރުކޮށްދޭން ވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟