ޚަބަރު

އުރީދޫ މޯލްޑިވްސް ނޭޝަން ގްލޯބަލް ފޭސްއޮފްގެ ކުރިމަތިލުން ކާމިޔާބުކުރީ ގަތަރު ޓީމުން

ފާތިމަތު ލިޔުޝާ

އުރީދޫ މޯލްޑިވްސްގެ ނޭޝަން ގްލޯބަލް ފޭސްއޮފްގެ ޗެމްޕިއަންކަން ގަތަރު ޓީމުން ހޯދައިފިއެވެ.

މިއީ އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ފުރަތަމަ ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތެވެ. ރާއްޖެއާއި ގަތަރުގެ ހުނަރުވެރި ގޭމަރުންގެ މެދުގައި ރޮކެޓްލީގުގެ ވަރުގަދަ ވާދަވެރިކަން ދައްކުވައި ދިން އިވެންޓް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

ދެ ގައުމުގެ ގޭމަރުންގެ މެދުގައިވެސް ވަރުގަދަ ވާދައެއް ފެނިގެންދިޔަ އިވެންޓް، އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލް އިން ލައިވް ސްޓްރީމް ކޮށްފައިވެއެވެ. އޭގެ ސަބަބުން ގޭމަރުންގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައިވެއެވެ.

ނޭޝަން ގްލޯބަލް ފޭސްއޮފްއަކީ 1919 ޑޮލަރުގެ ފައިސާގެ އިނާމު ޕޫލަކާއެކު ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި ސަރަހައްދުގެ ގޭމިން ކޮމިއުނިޓީއަށް ގިނަ ފުރުސަތުތައް ހޯދައިދިނުމުގައި އަބަދުވެސް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިފަހަރުގެ އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލެވުމާއެކު، އުރީދޫ މޯލްޑިވްސްގެ ޗީފް އެކްސެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މި މުބާރާތަކީ މުސްތަގުބަލުގައި ބައިނަލްއަގުވާމީ އީސްޕޯޓްސް މުބާރާތްތައް ބޭއްވުމަށް މަގުފަހިކޮށްދިން މުބާރާތެއް ކަމަށާއި ޑިޖިޓަލް ކުޅިވަރުތަކުގައި ދުނިޔެއާ ކުރިމަތިލާން ރާއްޖެ އޮތީ ތައްޔާރަށްކަން ދައްކުވައިދީފައިވާ ކަމަށެވެ.

އަދި ގޭމު ކުޅޭ ކުޅުންތެރިންނަށް މިފަދަ ޕްލެޓްފޯމެއް ފަހިކޮށްދީ، ރާއްޖެއާއި ގަތަރާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވިދާޅުވިއެވެ.

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފްއިން ކާމިޔާބީތައް ހޯދި ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންނާއި ޕާޓްނަރުންނަށް އުރީދޫ މޯލްޑިވްސް އިން ޝުކުރު އަދާކޮށްފައިވާ އިރު، އީސްޕޯޓްސް ކޮމިއުނިޓީ އާއެކު ކުރިއަށް ގިނަ މުބާރާތްތައް ރޭވިފައިވާކަން އުރީދޫއިން ފާހަގަކުރެއެވެ.