ފަލަސްތީނުގެ ގާޒާގައި ހުންނަ "އަލް ތަބީއީން" ސްކޫލަށް އިޒްރޭލުން މިއަދު ދިން ބޮމުގެ ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުން އިޒްރޭލުން ދިން އެ ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބޮން އެޅި އިރު، އެ ސްކޫލުގެ ތެރޭގައި 250 އެއްހާ މީހުން ތިއްބެވެ.
އެ ހަމަލާ ކުށްވެރިކޮށް ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ސަތޭކައަކަށްވުރެ ރައްޔިތުން މަރާލި އެ ހާދިސާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
"ކުޑަކުދިންވެސް ހިމެނޭ ގޮތަށް އާންމުންނަށް އަމާޒުކޮށް ހިންގާ މިފަދަ ޖަރީމާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުގެ އަސާސީ އުސޫލުތަކާ ވަރަށް ބޮޑަށް ހިލާފު ކަމެކެވެ." އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގައި ރާއްޖޭން ދެމި ތިބޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވަން ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލާފައިވެއެވެ.