އދ. ހަންޏާމީދޫގެ ގެއެއްގައި ރޭ އަލިފާން ރޯވެ، އެއްކޮށް އަނދައި ބިމާ ހަމަވެއްޖެއެވެ.
ހަންޏާމީދޫ ކައުންސިލްގެ މެންބަރު މުހައްމަދު ޔާސިރު "ވަން" އަށް މިއަދު ވިދާޅުވީ، ރޭ 9:30 ހާއިރު ރޯވީ އާދައިގެ ގޮތަކަށް ހަދާފައި ހުންނަ ގެއެއްގައި ކަމަށާއި އެ ގޭގައި ދިރިއުޅެނީ އުމުރުން 38 އަހަރު ފިރިހެނަކު އެކަނި ކަމަށެވެ. އަލިފާން ރޯވި ވަގުތު އޭނާ ގޭގައި ނޫޅޭ ކަމަށްވެސް ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، ރަށުގެ ރައްޔިތުން ނުކުމެ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ ދެ ގަޑިއިރުގެ މަސައްކަތުން ކަމަށެވެ. އަދި ރޭގެ ހާދިސާގައި ރޯވި ގޭގެ ފަހަތުގައި ހުރި ރެސްޓޯރެންޓެއްގެ ގުދަނުގައި ހުރި މުދާތައްވެސް އަނދައި އަޅިއަށްވެފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ލިބުނީ މާލީ ކިހާ ބޮޑު ގެއްލުމެއް ކަމެއް އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ، އެ ގޭގައި ރޯވީ ކަރަންޓު ޝޯޓުވެގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި ރޯވި ގޭގައި ދިރިއުޅޭ މީހާއަށް އޭނާގެ އާއިލީ ގެއަކުން ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.