އިބްރާހިމް ޒަކީ
ކުށްވެރިންނަށް ފޯނާއި މަސްތުވާތަކެއްޗާއި އެހެނިހެން ސާމާނު ފޯރުކޮށްދެމުންދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 13 ޖަލު އޮފިސަރުންނަށް ދައުވާކުރަން މިއަދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ 13 އޮފިސަރުން ހައްޔަރުކުރީ މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް ޑުރަގާއި ފޯނު ވެއްދުމުގައި ކަރެކްޝަންސްގެ އޮފިސަރުންތަކެއް ބައިވެރިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަންގައި ކ. މާފުށިން ކުރި ނުވަ އޮފިސަރުން، ކާށިދޫން ދެ އޮފިސަރުންގެ އިތުރުން ހއ. އުތީމުން އޮފިސަރަކާއި މާލެ އިން އޮފިސަރެކެވެ. މި 13 އޮފިސަރުންގެ ތެރެއިން 11 އޮފިސަރުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެ އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެކަމުގައި ކަރެކްޝަންސްގެ ޖޫނިއާ ލެވަލްގެ 18 އޮފިސަރަކު ހިމެނޭ ކަމަށާއި އެ މީހުންގެ އެކައުންޓުތަކަށް 73.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް އޮފިސަރުގެ އެކައުންޓަށް އަހަރެއް ތެރޭގައި 24 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ޖަލު ބަންދުގައި ތިބޭ މީހުންގެ އެކައުންޓުންނާއި މާލޭގެ ކުށުގެ ވެށީގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން ކަމަށެވެ.