އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، އުރީދޫ މަސްރޭހުގެ މިއަހަރުގެ އެޑިޝަންގެ ތެރެއިން ކ. ހިންމަފުށީގެ ޗެމްޕިއަންކަން ޓީމު ސިފްކޯއިން ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށީގެ އިތުރުން ޅ. ނައިފަރު އަދި ގދ. ތިނަދޫގައި ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހިންމަފުށީ މަސްރޭހަށް ރެޖިސްޓާ ކުރި 21 އަށްވުރެ ގިނަ ޓީމާއެކު ހިންމަފުށީގައި އެ މުބާރާތް މިއަދު ކުރިއަށްދިޔައެވެ. ޓީމުތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސިފްކޯ އިން ވަނީ ޖުމުލަ 999.35 ޕޮއިންޓު ހޯދައިފައެވެ. ޗެމްޕިއަންކަމާއެކު ސިފްކޯ އިން ވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހޯދައިފައެވެ.
އުރީދޫން ބުނީ ހިންމަފުށީގައި ކުރިއަށްދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރާ ކަމަށެވެ.