ހެލްތް ޕްރޮޓެކްޝަން އެޖެންސީ

އޭޕްރީލް މަހު ޗިކުންގުންޔާ އާއި ޑެންގޫ ޖެހުނު މީހުންގެ އަދަދު ގިނަވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

މިއަހަރުގެ މާޗު މަހު ޗިކުންގުންޔާއާއި ޑެންގީ ޖެހިގެން ރިޕޯޓްކުރި މިންވަރަށްވުރެ އޭޕްރީލް މަހު ޗިކުންގުންޔާއާއި ޑެންގީ ޖެހިގެން ރިޕޯޓްކުރި މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ މިއަހަރުގެ މާޗު މަހު ޑެންގީ ހުމުގެ 466 ކޭސް، އަދި ހުސްވި އޭޕްރީލް މަހު ޑެންގީ ހުމުގެ 509 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މާޗު މަހުގެ ފަހު ހަފްތާގައި 120 ކޭސް ރިޕޯޓްކޮށްފައިވާއިރު އޭޕްރީލް ފަހު ހަފުތާގައި 122 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1957 ކޭސް ރިޕޯޓްކޮށްފައިވެއެވެ.

މިއަހަރުގެ މާޗު މަހު ޗިކުންގުންޔާ ޖެހިގެން 279 ކޭސް، އަދި އޭޕްރީލް މަހު ޗިކުންގުންޔާ ޖެހިގެން 310 ކޭސް ރިޕޯޓްކޮށްފައިވަކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް ޗިކުންގުންޔާގެ 846 ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފައިވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ފާއިތުވެ ދިޔަ އަހަރުތަކުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށް ޑެންގީ ޖެހޭ މިންވަރަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީން އޭޕްރީލްގެ ނިޔަލަށް ޑެންގީ ޖެހިގެން ރިޕޯޓްކުރި މިންވަރު އިތުރު ވެފައިވާ ކަމަށެވެ.

ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާގެ އައުޓް ބްރޭކެއް އައިސްފައިވަނީ 2006 ވަނަ އަހަރުއެވެ.

ޑެންގީ އަކީ އޭޑީސް މަދިރީގެ ޒަރީއާއިން ފެތުރޭ ހުމެކެވެ. މިއީ ދެކުނު އިރުމަތީ އޭޝިއާ، ހުޅަނގު ޕެސިފިކް އަދި ދެކުނު އެމެރިކާގައި ހަލުވިކަމާއެކު އިތުރުވަމުން އަންނަ ބައްޔެކެވެ. ދިވެހިރާއްޖޭގައިވެސް ވިއްސާރަ މޫސުމާ ދިމާކޮށް ޑެންގީ ބަލި ފެތުރޭ މިންވަރު އިތުރުވެ، ބައެއް ރަށްރަށުގައި ރޯގާއެއްގެ ސިފައިގައި ފެތުރިގެންދެއެވެ.

ޑެންގީ ޖެހުމުން ވަރަށް ގަދައަށް ހުން އައުމާއެކު އިތުރު އަލާމާތްތައް ފެނެއެވެ. މީގެ ތެރޭގައި ގަދައަށް ބޮލުގައި ރިއްސުން، ގައިގައި އަދި ހުޅުހުޅުގައި ރިއްސުން، މޭނުބައިކޮށް ހޮޑުލެވުން، ލޮލުގައި ރިއްސުން، ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ.

ގަދަޔަށް ހުން އައުމާއެކު މީގެ ތެރެއިން ދެ އަލާމާތެއް ފެނިއްޖެނަމަ ޑެންގީއަށް ޝައްކުކުރަންވާނެއެވެ. އަލާމާތްތައް އާއްމުކޮށް 2 ދުވަހާ 7 ދުވަހާ ދޭތެރޭގެ މުއްދަތަކަށް ދެމިގެން ދެއެވެ.

މީގެއިތުރުން ޗިކުންގުންޔާ، ޖެހެނީ މިބަލީގެ ޖަރާސީމު ހުރި މީހެއްގެ ގައިން ލޭ ބުއިމަށްފަހު އެހެން މީހެއްގެ ގައިން ލޭބުއިމުގެ ތެރޭގައި ޖަރާސީމު އަނެކާގެ ހަށިގަނޑަށް ވާސިލްވުމުންނެވެ. މިބަލީގެޖަރާސީމު ހަށިގަނޑަށް ވަނުމާއި މިބަލީގެ އަލާމާތްތައް ފެނުމާ ދެމެދު ނަގާނީ 2 ދުވަހާއި 12 ދުވަހުގެ ދޭތެރޭ މުއްދަތެކެވެ. އަދި ބައެއްފަހަރު 3 ނުވަތަ 7 ދުވަސްވެސް ނަގައިފާނެއެވެ.

މިބައްޔަކީ އަދިމިހާތަނަށް ވަކި ހާއްސަ ވެކްސިނެއް އަދި ވަކި ހާއްސަ ބޭހެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ނަމަވެސް މަދިރީގެ ޒަރީއްޔާއިން ޖެހޭ ޑެންގީ ހުންފަދައިން މިބައްޔަށްވެސް ދެވޭ ފަރުވާ ހުރެއެވެ.

މިބަލި ޖެހުމުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ބޮލުގައިރިއްސުން، ހުޅުހުޅުގައިރިއްސުން، ގައިން ބިހިނެގުން، ވަރުބަލިވުން، މޭނުބައިކުރުން، ކާހިތް ނުވުން، ހޮޑުލެވުން ފަދަ އަލާމާތްތައް ހިމެނެ އެވެ.