އިންޑިއާގެ، ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ކުންފުނި އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާއެކު އިކޮނޮމިކް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ރާއްޖެއިން، އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާއެކު އެއްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުގެ ތެރެއިން މިރޭގެ ވަގުތެއްގައެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެމްއޯޔޫގެ މައިގަނޑު އަމާޒަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ތަސައްވަރު ކޮށްފައިވާ ކްރިއޭޓާ އިކޮނޮމީގެ ފުރުސަތު ދިވެހިންނަށް ހޯދައިދިނުން ކަމަށެވެ. އަދި އީ-ކޮމާސްގެ ދާއިރާ ތަރައްގީކުރުމާއި މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށް، މާލީ ބާޒާރު ފުޅާކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
"އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑާއެކު މި ގާއިމުކުރެވުނު މި ގުޅުމަކީ، ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އިގުތިސޯދުގެ ހަކަތަ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި އާދެވުނު ވަރަށް މުހިންމު މަންޒިލެކެވެ. ކުރިއަރާފައިވާ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުން ހިފުމުގެ މަގުސަދަކީ މިހާރަށްވުރެ ބޮޑަށް ޝާމިލު، ކުރުންތެރި މާލީ ވެއްޓެއްގެ މަންފާ ދިވެހި ރައްޔިތުންނަށް ލިބިގެން ދިއުމެވެ..،" އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.