ޚަބަރު

ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފަށަނީ

1

ވިނަރެސް ފުލެޓުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމާއި ދޮރުތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށްފަހު އަލުން ބޭނުންކުރަން ނިންމައިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ވިނަރެސްގެ އެކްސެސް ސިސްޓަމަކީ އެ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގާއިމުކޮށްފައިވާ ނިޒާމެއް ކަމަށެވެ. އަދި އެ ސިސްޓަމް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފަށާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"އެހެންކަމުން ވިނަރެސްގެ އެކްސެސް ޓެގު ނުނަންގަވާ ބޭފުޅުން ވީ އެންމެ އަވަހަކަށް އެކްސެސް ޓެގު ވިނަރެސް 10 ގެ މެނޭޖުމެންޓުން އޮފީހުން ހަވާލުވެލެއްވުން އެދެމެވެ..،" އެޗްޑީސީން ބުންޏެވެ.

ވިނަރެސް ފްލެޓުތަކަށް ވަންނަ އެ އެކްސެސް ސިސްޓަމް މީގެ ކުރިން ބޭނުން ކުރަން ފެށިއެވެ. ނަމަވެސް ދޮރާށިތަކަށް ގެއްލުންދޭތީ އެތަންތަނުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީގޮތުން ނިއްވާލައިފައިވާ ކަމަށް މިދިޔަ ޖޫން 28 ގައި އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން މިއަދު ބުނީ އެކްސެސް ސިސްޓަމަށް ގެއްލުން ދިނުމަކީ އެ ހިދުމަތް ބޭނުންކުރާ މީހުންގެ ހައްގަށް އުނިކަން ލިބިގެންދާނެ ކަމެއް ކަމަށާއި އަދި އެކްސެސް ސިސްޓަމަށް ގެއްލުންދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟