ރާއްޖޭގައި ކުރިއަށްދިޔަ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން ޗެމްޕިއަންކަން ޖަޕާނުގެ ނަމީކާ ޔަމަޝީތާ ހޯދައިފިއެވެ.
ރާޅުގަނޑުގައި ހޮނިހިރު ދުވަހު ފެށި ވިސިޓް މޯލްޑިވްސް ޕްރޯގެ ފައިނަލް އިވެންޓްތައް މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، އަންހެން އިވެންޓުން ޔަމަޝީތާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެގައުމުގެ ލެޖެންޑަރީ ބޮޑީބޯޑަރު، މިދިޔަ އަހަރުގެ އަންހެން ދުނިޔޭގެ ޗެމްޕިއަން ސާރީ އޮހާރާ ބަލިކޮށްގެންނެވެ.
އަންހެން ފައިނަލް ހީޓް ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ރަނގަޅު ލީޑެއް ނެގީ ސާރީއެވެ. އޭނާ ވަނީ 7.00 ގެ ރާޅެއް އަޅާފައެވެ. އޭގެފަހުން ޔަމަޝީތާ 6.50 ގެ ރާޅެއް އަޅައި ނަތީޖާ ގާތްކުރިއެވެ. ސާރީއަށް ދެން އެންމެ މަތިން އެޅުނު ރާޅަކީ 5،00 ގެ ރާޅެކެވެ. ޔަމަޝީތާ ލީޑު ނެގީ އެންމެފަހުން އެޅި ރާޅުން 6.25 ގެ ސްކޯއެއް ހޯދައިގެންނެވެ.
މިއީ ޔަމަޝީތާގެ ކެރިއަރުގައި އައިބީސީ ވޯލްޑް ޓުއާ އިވެންޓެއްގެ ޓައިޓަލް ހޯދި ފުރަތަމަ ފަހަރެވެ. އެހެންކަމުން އެކަން ވެގެންދިޔައީ ބޮޑު ޝަރަފަކަށެވެ. ޔަމަޝީތާ ބުނީ އޭނާއަށް ޗެމްޕިއަންކަން ހޯދުނުކަން ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. އަދި އުފާވެރިކަން ބުނެދޭންވެސް ނޭނގޭ ކަމަށެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރިއެވެ. މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވީ "ވަން ސްޕޯޓްސް" އެވެ.