ބޭރު ކުޅިވަރު

ބޮޑީބޯޑިންގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދީ ވިސިޓް މޯލްޑިވްސް ޕްރޯގެ ވެސް ޗެމްޕިއަން އަރްމިޑޭ

މިއަހަރުގެ ބޮޑީބޯޑިން ވޯލްޑް ޓައިޓަލް ސްޕެއިންގެ ކޭނަރީ އައިލެންޑްސްގެ އަރްމިޑޭ ސޮލިވެރެސް ހޯދައިފިއެވެ.

ފިރިހެން ދުނިޔޭގެ ޗެމްޕިއަންކަން އަރްމިޑޭއަށް ލިބުނީ ދުނިޔޭ ރޭންކިންގައި އޭނާއާ އެންމެ ގާތުން ވާދަކުރި ޕިއޭ ލުއި ކޮސްޓެސް، އިއްޔެ ގްރޭން ކެނޭރިއާ ފްރޮންޓޮން ކިންގްގެ ސެމީ ފައިނަލް ހީޓްގައި އަމައުރީ ލަވެއާއާ ވާދަކޮށް ކެޓުމުންނެވެ. އަރްމިޑޭ، ގްރޭން ކެނޭރީ އިވެންޓަށް ނުކުތީ ވެސް ދުނިޔޭގެ އެއްވަނަ މަގާމުގައި އޮވެގެންނެވެ. އޭނާއަށް ޕިއޭއަށްވުރެ ކުރިއަށް އެ އިވެންޓްގައި ނުދެވުނު ނަމަވެސް، ދުނިޔޭ ޗެމްޕިއަންކަން ގެއްލެން އޮތީ ޕިއޭއަށް މުބާރާތް ކާމިޔާބު ކުރެވިގެން އެކަންޏެވެ.

އެހެންކަމުން، ޕިއޭއަށް އެ ނަތީޖާ ނުނެރެވުމުން އައިބީސީން ވަނީ އަރްމިޑޭއަކީ މިއަހަރުގެ ދުނިޔޭގެ ޗެމްޕިއަން ކަމަށް އިއުލާނުކޮށް، އިއްޔެ ޓްރޮފީވެސް ހަވާލުކޮށްފައެވެ.

އަރްމިޑޭއަކީ މިއަހަރު ރާއްޖޭގައި ބޭއްވި ވިސިޓް މޯލްޑިވްސް ޕްރޯ 2024 ގެވެސް ޗެމްޕިއަނެވެ. އޭނާ ރާއްޖޭގައި ތަފާތު ދައްކައި އިވެންޓް ކާމިޔާބު ކުރި އިރު، ރާއްޖެ އައީވެސް އެއްވަނައިގައި އޮވެގެންނެވެ. އޭގެ ކުރިން އަރްމިޑޭ ވަނީ ޖޫން މަހު ބްރެޒިލްގައި ބޭއްވި ވޯލްޑް ޓުއާ އިވެންޓް، އިޓަކޯޓިއާރާ ޕްރޯގެ ޗެމްޕިއަން ވެސް ހޯދައިފައެވެ.

މިއީ އަރްމިޑޭއަށް އަދި ކެނެރީ އައިލެންޑްގެ ބޮޑީބޯޑަރަކު ވެސް ދުނިޔޭގެ ސީނިއާ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާއަށް މިއަހަރަކީ ބޮޑީބޯޑިންގައި ތާރީހީ އަހަރެކެވެ. އިއްޔެ ކެނެރީ އައިލެންޑްސްއަށް އިތުރު ކާމިޔާބީއެއް ވެސް ޔަގީންވިއެވެ. އެއީ ފިރިހެން ޖޫނިއާ ޗެމްޕިއަން ކަމެވެ.

މިއަހަރު ދުނިޔޭގެ ސީނިއާ ޗެމްޕިއަންކަން ހޯދީ ކެނަރީ އައިލެންޑްސްގެ އެލެކްސެންޑްރާ މޮންޓެސްއެވެ. މިފަހަރުގެ ފަހު އިވެންޓަށް ނުކުތް އިރު، އަންހެން ޖޫނިއާ އަދި ސީނިއާ ޗެމްޕިއަންކަން ވެސް ޔަގީންވެފައި އޮތް އިރު، އަންހެން ޗެމްޕިއަނަކީ ބްރެޒިލްގެ މައިރާ ވިއާނާއެވެ. އަދި މާކުރިން ވެސް ބްރެޒިލްގެ ލޫނާ ހާޑްމަން ވަނީ މިއަހަރުގެ ޖޫނިއާ އަންހެން ޗެމްޕިއަންކަން ޔަގީން ކޮށްފައެވެ.