އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވިސްނުމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިހަ އަހަރަށް ޖަލުގައި ބެހެއްޓުން ކަމުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ހައުސްގައި ރޭ ބޭއްވި ޖަލްސާގައި، ފަލާހް ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނު ނަމަ ރައީސް ޔާމީން އަދިވެސް ހުންނަވާނީ ޖަލުގައި ކަމަށާއި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބު ކާމިޔާބުކުރެއްވުމާއެކު، އެ ދުވަހުގެ ރޭ ރައީސް ޔާމީން ނިދިކުރެއްވީ އަމިއްލަފުޅު ގެކޮޅުގައި ކަމަށެވެ.
"މިހާރު އެ ހުރީ މިނިވަން ވެފައި. އެހެން ނޫން ނަމަ މިއަދުވެސް އެމްޑީޕީ އަށް ވެރިކަން ލިބުނު ނަމަ އެ މަނިކުފާނު (ރައީސް ޔާމީން) އޮންނާނީ ޖަލުގައި. އެމްޑީޕީގެ ވިސްނުމަކީ ކުރިއަށް އޮތް ދިހަ އަހަރުވެސް ރައީސް ޔާމީން ޖަލުގައި ބޭއްވުން،" ފަލާހު ވިދާޅުވި އެވެ.
ފަލާހް ވިދާޅުވީ، ރައީސް ޔާމީން ދިގު މުއްދަތަކަށް ޖަލަށް ލުމަށް އެމްޑީޕީން ބޭނުންވަނީ ރައީސް ޔާމީންގެ އަތުގައި، ދައުލަތުގެ ގިނަ ފައިސާތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭތީ ކަމަށެވެ.
ރައީސް މުއިއްޒަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30 ގައި ވެރިކަން ކާމިޔާބު ކުރެއްވުމާއެކު، އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ޖެހިގެން އައި ދުވަހު ރައީސް ޔާމީން ޖަލުން ގޭ ބަންދަށް ބަދަލުކުރެއްވިއެވެ. އެއިރު އެ މަނިކުފާނު ގެންދެވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ރައީސް ޔާމީން އެއްކޮށް މިނިވަންވީ ގެކޮޅުގައި ހުންނަވަނިކޮށް، އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ އެ މަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ. ޖަލު ހުކުމުން މިނިވަންވުމުން ރައީސް ޔާމީން ގެންދަވަނީ ވަރަށް ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.