ދައުލަތުގެ ބަޖެޓު ފޫބެއްދޭ ވަރަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުގައި ފައިސާ ހުރި ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ޔާމީން ވެރިކަން ކުރެއްވިއިރު އޭނާ އަކީ ވެސް ޕީޕީއެމްގެ މެންބަރެއް ކަމަށާއި ނަމަވެސް ޕީޕީއެމްގެ ޕީޖީއަށް ވެސް ނޭނގޭ ކަންތައްތަކެއް ޔާމީން ކުރައްވާފައިވާކަން ފަހުން އެނގުނު ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޔާމީން ވަނީ އާންމުންގެ އަތުން ފައިސާ ނަގައިފައި ކަމަށާއި އެ ފައިސާ އަނބުރާ ދައްކާފައިވަނީ ދައުލަތުގެ ބަޖެޓުގައި ހުރި ފައިސާއިން ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، 2014 ގައި ބޭއްވި މަޖިލިސް އިންތިހާބަށް ސައުދީ އަރަބިއްޔާއިން ފަސް މިލިއަން ޑޮލަރު ދީފައިވާ ކަމަށް ޔާމީން ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ފައިސާއަށްވީ ގޮތެއް އެނގޭ އެއްވެސް މީހަކު ނެތް ކަމަށް ފަލާހު ވިދާޅުވިއެވެ.
"ހައްތަހާ ވަނީ ގިނަ، ގިނަވަމުން ވަމުން ގޮސް މިހާރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓުގައި އެބަހުރި ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާ ވަރަށް ފައިސާ،" ފަލާހު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއަށް ލިބޭ ފައިސާ ހުންނަންޖެހޭނީ އެ ޕާޓީއެއްގެ އެކައުންޓުގައި ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ބޭންކު އެކައުންޓުތަކަކީ ހަމައެކަނި ފައިސާ ޖަމާކުރެވޭ އެކައުންޓުތަކެއް ކަމަށް ފަލާހު ވިދާޅުވިއެވެ. އެ އެކައުންޓުތަކުން ފައިސާ ނުނެގޭނެ ކަމަށާއި ޓްރާންސްފާ ނުކުރެވޭ އިރު، ޗެކް ފޮތެއް ވެސް ނޯންނާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
ސިޔާސީ ކަންކަމަށް ފައިސާ ލިބިވަޑައިގެންނެވި ކަމަށް ޔާމީން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި އެ ލިބުނު ފައިސާ ހުންނަންވާނީ ޕާޓީގެ އެކައުންޓުގައި ކަމަށް ފަލާހު ވިދާޅުވިއެވެ. އެހެންކަމުން ރައީސެއްގެ އެކައުންޓެއްގައި ނުވަތަ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އެކައުންޓުގައި މިލިއަނުން ފައިސާ ހުރުމުން ރައްޔިތުން ޝައްކުކުރާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.