ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޯމޭނިއާގެ ފޮރިން މިނިސްޓަރު ތިއޭޑޯ މެލެސްކާނޯއާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު ރޯމޭނިއާގެ ފޮރިން މިނިސްޓަރާ ބައްދަލުކުރެއްވީ، ދާދި ފަހުން އެމަނިކުފާނު ރޯމޭނިއާއަށް ކުރެއްވި ދަތުރުގެ ތެރޭގަ އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދެގައުމުގެ ދެމެދު ވިޔަފާރިއާއި ފަތުރުވެރިކަން، ތައުލީމު، ފުޑް އިންޑަސްޓްރީ، ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް އަދި ކްލައިމެޓް ޗޭންޖް ފަދަ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން ދެގައުމުގެ ދެމެދުގެ ގުޅުން މިހާރު އޮތް ގޮތާއި، އެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓަރ ޝާހިދު އަދި މިނިސްޓަރ މެލެސްކާނޯ މަޝްވަރާކުރެއްވި ކަމަށާއި ސަރައްހަދީ މައްސަލަތަކާއި ދެގައުމުގެ ދެމެދު ހިނގާ އެކި ކަންކަމުގައި ރޯމޭނިއާގެ އެހީ ރާއްޖެއިން ހޯދުމަށް އެމްއޯޔޫއެއްގައި ވެސް ސޮއިކުރައްވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މިމަހު ނުވައެއްގައި މިނިސްޓަރު ޝާހިދު ރޯމެނިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.