ރައީސް ޑރ. މުހައްމަދު މުއިއްޒު ތަފާތު ދައްކަވާނެ ކަމަށާއި ރައްޔިތުން އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވާނެކަމުގެ ޔަގީންކަން އޮތް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ އިހުލާސްތެރި، ރައްޔިތުންގެ ހިތުގައި ޝުއޫރާ އެއްގޮތަށް ބަސް ބުނަން ދަންނަ، އަދި އެ ބަހުގައި ހިފަހައްޓައިގެން އެ ބަސް ތަންފީޒުކުރުމަށްޓަކައި މަސައްކަތްޕުޅުކުރައްވާ ވެރިއަކަށްވާތީ ރައްޔިތުން އެމަނިކުފާނަށް ފުރުސަތު ދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަފާތު ދައްކަވާނެ އެމަނިކުފާނުގެ ޒައާމަތުގައި. އޭރުން ރައްޔިތުން ނުކުމެ އެމަނިކުފާނު ދެވަނަ ދައުރަކަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސަކު ހޮވާ ކަމުގައިވާ ނަމަ، މިފަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެކަމީ އަޅުގަނޑަށް ޝައްކެއް އޮތް ކަމެއް ނޫން،" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒު މެނިފެސްޓޯ އެކުލަވައިލެއްވީ ވެސް ރައްޔިތުން ބޭނުންވާ ގޮތަށް މަސްވެރިންނާ ވާހަކަދެކެވި، ޒުވާނުންނާ ވާހަކަދެކެވި، ކަނބަލުންނާ ވާހަކަދެކެވި، އިސްރަށްވެހިންނާ ވާހަކަދެކެވި، އެބޭފުޅުން ބޭނުންވާ ގޮތަށް ކަމަށާއި އެހެންކަމުން ރައީސް މުއިއްޒަކީ ރައްޔިތުންގެ އަޑުއައްސަވަން ކެރިވަޑައިގަންނަވާ ވެރިއެއް ކަމަށެވެ.
"އަޅުގަނޑު ޒުވާނުންނަށް ދަންނަވާލަން އޮތީ، މަސްވެރިންނަށް ދަންނަވާލަން އޮތީ، އިސްރަށްވެހިންނަށް ދަންނަވާލަން އޮތީ، ކަނބަލުންނަށް ދަންނަވާލަން އޮތީ އެމަނިކުފާނު ހާލަތާއި ވަގުތަށް ބެއްލެވުމަށްފަހު، ތިބޭފުޅުންގެ އަޑުއެހުމުގައި ފުކެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެއޭ. އެކަމުގެ ހެކި އެ އޮތީ އަޅުގަނޑުމެންނަށް ދާދި އިހަކަށް ދުވަހު ފެނިފައި، ޔުނިވާސިޓީގެ ކުދިންނަށް ދަތިވި ކަންތައްތަކުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ހާލަތާއި ވަގުތަށް ބިނާކޮށް ރައީސް މުއިއްޒުގެ މަސައްކަތްޕުޅުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދަވާނެ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު އެ މަސައްކަތްޕުޅުތައް ވެސް ކުރިއަށްގެންދަވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށެވެ.