ޚަބަރު

އައްޑޫ ސިޓީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެއްޖެ

މަރިޔަމް ޝަހުދާ

އައްޑޫ ސިޓީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާ ވެއްޖެއެވެ.

އައްޑޫގައި މިރޭ އެކްސިޑެންޓެއް ހިނގިކަން ފުލުހުން ވަނީ ''ވަން އޮންލައިން''އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގިކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 9:55 ހާއިރު ކަމަށެވެ.

މިކަމާ ގުޅޭގޮތުން ''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އަލީ މޫސާ ވިދާޅުވީ އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ދެމީހަކު މަރަދޫ ހޮސްޕިޓަލުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަލީ ވިދާޅުވިގޮތުގައި މަރަދޫގައި ހިނގި މި އެކްސިޑެންޓުގައި ޒަހަމްވި ދެމީހުންނަށް މަރަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންނަކަން އެ ހޮސްޕިޓަލަށް ވަނީ އަންގައިފައެވެ. މީގެއިތުރުން މި ދެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް އަލީ ވިދާޅުވިއެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ދެވޭނީ އަނިޔާވި ދެމީހުން ހޮސްޕިޓަލަށް ގެނައުމުން ކަމަށް އޭނާ ވިދާޅުވިއެވެ.