މުޙައްމަދު ޝަމްޢޫން
ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ފިރިހެން އޯޕަން ޑިވިޝަންގެ ކުއާޓާ ފައިނަލް ހީޓުތައް ކަށަވަރުވެއްޖެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް ހޮނިހިރު ދުވަހުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ އިރު، މިއަދު ހެނދުނު ފެށީ ފިރިހެން ޑިވިޝަންގެ ފަސްވަނަ ބުރުންނެވެ. އެ ބުރުގެ ހީޓުތަކަކީ ނޮކްއައުޓް ހީޓުތަކެއް ކަމުން ވާދަވެރިކަން އޮތީ ބޮޑުވެފައެވެ. ރާޅަށް ބަލައި، މިއަދުގެ ފެށުން ފަނޑިޔާރުން ކުޑަކޮށް ފަސްކޮށްލާފައިވާ އިރު، ރާޅުގެ ގޮތުން ހުރިހާ އެތުލީޓުންނަށްވެސް މިއަދަކީ ޗެލެންޖެން ދުވަހެކެވެ. އެހެންނަމަވެސް، ހީޓުތަކުން ތަފާތު ވަރުގަދަ ވާދަވެރިކަމެއް ފެނިގެން ދިޔައެވެ.
ފިރިހެން ބައިގެ ފަސްވަނަ ބުރުގައި މިއަދު ފުރަތަމަ ހީޓުގައި ޖޫނިއާ ބައިގައިވެސް ވަރުގަދަ އެތުލީޓު ސްޕެއިންގެ އީތަން ޕެރޭޒް ނުކުތީ ޖަޕާނުގެ ހަޔަޓޯ އެނިކިޑޯއާ ދެކޮޅަށެވެ. އެ ހީޓް އެނަކިޑޯ ކާމިޔާބުކުރީ 14 ސްކޯއަކުންނެވެ. އީތަންއަށް ހެދުނީ 12.2 ގެ ސްކޯއެކެވެ.
ދެވަނަ ހީޓުގައި ވާދަކުރަން އޮތް ފްރާންސްގެ އީތަން ކެޕްޑެވިޔާއަށް އަނިޔާވުމުން އޭނާ ހީޓް ދޫކޮށްލާފައިވާ އިރު، އެ ހީޓް ލިބުނީ ހަވާއީގެ ލެޖެންޑް ޑޭވް ހުބާޑަށެވެ. ދެން ޖެހިގެން އައި ހީޓުގައި ފްރާންސްގެ މެކްޒީމޭ ކަސްޓީއޯއާއި ބްރެޒިލްގެ އެޑާ ލޫސިއާނޯ ވާދަކޮށް، ހީޓް ކާމިޔާބުކުރީ ކަސްޓީއޯއެވެ. ވާދަވެރި އެ ހީޓްގައި ކަސްޓީޔޯ ވަނީ 11.4 ޕޮއިންޓް ހޯދައިފައެވެ. ލީސިއާނޯއަށް ހޯދުނީ 10.9 ޕޮއިންޓެވެ.
ފިރިހެން ފަސްވަނަ ބުރުގެ ހަތަރުވަނަ ހީޓްގައި މިވަގުތު ދުނިޔޭ ރޭންކިންގެ ދެވަނައިގައި އޮތް ގެބްރިއަލް ބްރާގާ ވަނީ 12.75 ގެ ސްކޯއަކުން ޕޯޗުގަލްގެ ޖޮއެލް ރޮޑްރިގޭޒް ކަޓުވާލައިގައެވެ. ޖޮއެލްއަށް ހޯދުނީ 11.75 ގެ ސްކޯއެކެވެ. ދެން ޖެހިގެން އައި ހީޓްގައި ދުނިޔޭގެ ތިންވަނައިގައި އޮތް ޓްރިސްޓަން ރޮބާޓްސް، ދެފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އަމައުރީ ލަވެއާއާ ދެކޮޅަށް ނުކުތީ ވާދަވެރި ކުރިމަތިލުމަކަށެވެ. އެ ހީޓްގެ ތެރެއިން ޕްރޮއޯރިޓީ ދިނުމުގައި ކުޑަ މައްސަލައެއް ދިމާވެ ހީޓް އަލުން ފަށަންވެސް ޖެހުނެވެ.
އަލުން ފަށައިގެން ހީޓް ހޯދީ ދެކުނު އެފްރިކާގެ ޓްރިސްޓަންއެވެ. އެއީ 12.4 ގެ ސްކޯއަކުންނެވެ. އަމައުރީއަށް ހެދުނީ 11.9 ގެ ސްކޯއެކެވެ.
ދުނިޔޭގެ އެއްވަނައިގައި މިވަގުތު އޮތް އަރްމިޑޭ ސޮލިވެރެސް ކުއާޓާއަށް ދިޔައީ ޔާން ސަލައުން ކަޓުވާލައިފައެވެ. ހީޓް ހައެއްގައި އަރްމިޑޭ ވަނީ 13.5 ގެ ސްކޯއެއް ހޯދާފައެވެ. ސަލައުންއަށް ހޯދުނީ 9.5 ގެ ސްކޯއެކެވެ. ފިރިހެން ޑިވިޝަން އޯޕަން ބައިގެ ފަސްވަނަ ހީޓްގައި އެންމެފަހުގެ ވިސިޓް މޯލްޑިވްސް ޗެމްޕިއަން ޕިއޭ ލުއި ކޮސްޓެސް ވާދަކޮށް، އޭނާ ހީޓް ކާމިޔާބުކުރީ 12.6 ގެ ސްކޯއަކުންނެވެ. ދެން ވާދަކުރި ކްލެމެންޓް ލޮޑޭހޯއަށް ހެދުނީ 9.65 ގެ ސްކޯއެކެވެ.
އެ ބުރުގެ އެންމެފަހު ހީޓުން ކުރީގެ ދުނިޔޭގެ ޗެމްޕިއަން އޫރީ ވަލަޑާއޯ މޮޅުވީ 13 ޕޮއިންޓުންނެވެ. އޭނާއާ ވާދަކުރި އޮއިޓޯ އޮޖޭޑާއަށް ހޯދުނީ އެންމެ 6.5 ގެ ސްކޯއެކެވެ.
ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. ފިރިހެން އޯޕަން ޑިވިޝަންގެ ކުއާޓާ ހީޓްތަކާއި ސެމީ ފައިނަލް ހީޓްތައް އަދި ފައިނަލް ހީޓްވެސް ވަނީ މާދަމާއަށް ތާވަލުކޮށްފައެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.