އިބްރާހިމް ޒަކީ
ޓެކްސީ ފްލީޓެއް ތައާރަފު ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ޑްރައިވާސް އެސޯސިއޭޝަނުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
އިގުތިސާދީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވީ، ޓެކްސީ ފްލީޓެއް ތައާރަފު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބައްދަލުވުމެއް ބާއްވައި ދިނުމަށް ޑްރައިވާސް އެސޯސިއޭޝަނުން އެ ކޮމިޓީގައި އެދިފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެ އެސޯސިއޭޝަންގެ ކަންބޮޑުވުންތައް އަޑުއަހައި އެ ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް އެ ފަރާތުން އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާއި އެސޯސިއޭޝަންގެ ބޭފުޅުން އެކީ ކޮމިޓީ ބައްދަލުވުމަކަށް ހާޒިރުކުރުމަށް އެމްޑީޕީގެ މެންބަރު ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވިއެވެ.
އޭނާ ވިދާޅުވީ، އެގޮތަށް ހުށަހެޅުއްވީ ކުރީގެ ތަޖުރިބާއަށް ބައްލަވާފައި ކަމަށެވެ. އެގޮތުން ކުރީ ފަހަރެއްގައި އެގޮތަށް އެކި ފަހަރު އެކި ފަރާތް ހާޒިރުކުރުމުން އެއްފަރާތުން ދެއްކި ވާހަތަށް ވަަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ކަމެއް ސާފުވެ، ކޮމިޓީގެ ވަގުތުވެސް ބޭކާރުނުވެ ދެ ފަރާތް އެއް ބައްދަލުވުމަކަށް ހާޒިރުކޮށް އެއް ދުވަހުން އެ މައްސަލަ ނިންމައިލުމަށް މައުރޫފް ޒާކިރު ހުށަހެޅުއްވިއެވެ.
ނަމަވެސް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވީ އެގޮތަށް އެކަންތައް ކުރިއަށް ގެންގޮސްފިނަމަ މަސްލަހަތު ގޯސްވެދާނެ ކަމަށެވެ. އެހެންކަމުން މަސްލަހަތަށްޓަކައި ދެ ފަރާތް އެއްކޮށް ކޮމިޓީއަށް ހާޒިރުކުރަން ނުފެންނަ ކަމަށް ވިދާޅުވިއެވެ. އޭނާ ހުށަހެޅުއްވީ، ފުރަތަމަ މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވުމަށްފަހު ޑްރައިވާސް އެސޯސިއޭޝަންގެ ބޭފުޅުން ހާޒިރުކުރުމަށެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާވެސް ހުށަހެޅުއްވުމެއް ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅޭ ގޮތުން ލިޔުމުން މިނިސްޓްރީގެ ޖަވާބެއް ހޯދަން ފެންނަ ކަމަށެވެ. އެއަށްފަހު އެސޯސިއޭޝަން މެންބަރުންގެ އެހެން ކަންބޮޑުވުންތަކެއްވެސް ހުރެދާނެ ކަމަށް ފެންނާތީ އޭގެ ފަހުން އެސޯސިއޭޝަންގެ ބޭފުޅުންނާ ބައްދަލުކުރަން އޭނާ ހުށަހެޅުއްވިއެވެ.
އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ މައްޗަންގޯޅީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ. ކޮމިޓީން ފާސްކުރީ ހޯރަފުށި ދާއިރާގެ މެންބަރުގެ ހުށަހެޅުއްވުމެވެ.