ޚަބަރު

އިސްކަންދެނީ މަރުކަޒުތައް ހުޅުވާފައި ހުންނަ ވަގުތަށްވުރެ ހިދުމަތް ދިނުމުގެ ވަގުތު އިތުރުކުރަން: ހަލީލު

އިބްރާހިމް ޒަކީ

ސިއްހީ ހިދުމަތް ދިނުމަށް ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތައް ހުޅުވާފައި ހުންނަ ވަގުތު އިތުރުކުރުމަށްވުރެ ބޮޑަށް އިސްކަން ދެނީ މީހަކު ހުރެގެން ހިދުމަތް ދިނުމުގެ ވަގުތުތައް އިތުރުކުރުމަށް ކަމަށް ހެލްތު މިނިސްޓަރު ޑރ.އަބުދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

ހަލީލު އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިނިސްޓަރުންނާ ސުވާލުކުރެއްވުމުގެ ވަގުތުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަނާރާ ވިދާޅުވީ، ހުރާ ދާއިގައި ހިމެނޭ، ހުރާ، ހިއްމަފުށީ، ގުޅިއަކީ ވަރަށް ގިނަ ރިސޯޓުތަކާއި ޑައިވިން ޕޮއިންޓްތައް ހުންނަ ސަރައްދެއްކަމުން ސިއްހީ ހިދުމަތް ލިބިގަތުމަށް އެކި ގަޑިތަކުގައި ގިނަ ފަތުރުވެރިންނާއި ރައްޔިތުންދާ ކަމަށެވެ. އެހެންވެ 24 ގަޑިއިރަށް އެ ތަންތަނުގެ ހެލްތް ސެންޓަރުތަކުން ހިދުމަތް ލިބޭނީ ކޮން އިރަކުންތޯ ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލު ވިދާޅުވީ، ރައްޔިތަކު ބަލިވެގެން އަންނަ ހާލަތެއްގައި ފަސޭހައިން އެޓެންޑް ވެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ހުޅުވާފައި ހުންނަ ވަގުތަށްވުރެ ބޮޑަށް ހިދުމަތް ދިނުމުގެ ވަގުތުތައް އިތުރުކުރުމަށް، އެ ތަން ހުޅުވާފައި ނެތް ކަމުގައިވިޔަސް އެޓެންޑުވާނެ މީހަކު އަޅުގަނޑުމެނަށް ކަނޑައެޅިއްޖެއްޔާ، އެ ޕްރޮސެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން، ރައްޔިތަކު ބަލިވެގެން އަންނަ ހާލަތެއްގައި ފަސޭހަ އިން އެޓެންޑް ވެވޭނެ ނިޒާމެއް ގާއިމުކުރުމަށް، އޭގެ މާނައަކީ ޑޮކްޓަރުން މިހާރަށްވުރެ ސަމާލުވުން، ނަރުހުން ސަމާލުވުން، ސްޓޭންޑް ބައިގައި ތިބެވޭނެ ކޮންމެސް ކަހަލަ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި މަސައްކަތް ކުރަމުން އެބަ ގެންދަން މިހާރު،" ހަލީލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މާލެ އަތޮޅާއި ވ. އަތޮޅާއި އއ އަތޮޅަކީ ވަރަށް ބޮޑަށް ޓޫރިޒަމް ފުޅާވަމުން އަންނަ ސަރަހައްދުތަކަށްވާތީ އެ އަތޮޅުގެ ރަށްރަށުގެ ބައެއް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ. އެގޮތުން އާބާދީއާއި ރަށަށް އަރާފައިބާ ނިސްބަތަށް ބެލުމަށްފަހު އެ ތަނަކުން ބަލި މީހުން ދެއްކޭ ނިސްބަތަށް ބަލައި އެ ތަންތަނުގައި ލެބޯޓްރީއާއި އެމެެޖެންސީ ކެއާގެ ހިދުމަތް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.