ސިނަމާލެ ބުރިޖު ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:15ގައި ބުރިޖު ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެގެން ރިޕޯޓުކޮށްފައިވާ ކަމަށާއި ސައިކަލް ދުއްވަން އިނީ ފުލުހެއް ކަމަށެވެ.
އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ބުރިޖު ހައިވޭގައި ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސްގެން މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮއްވައި މާލޭ ފަޅިން ފަހަތުން އައި ސައިކަލަކުން ކާރުގައި ޖެހިގެން ކަމަށާއި ސައިކަލު ދުއްވަން އިން މީހާއާއި ކާރު ޑްރައިވަރަކީ ލައިސަންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ ސައިކަލް ދުއްވަން އިން 29 އަހަރުގެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް، ނޭފަތާއި އަނގައިން ލޭ އައިސް އަދި ދަތްދޮޅިން ވެސް ތަންކޮޅެއް މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލަށް ގެސްގޮސް، އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.