ވިސިޓް މޯލްޑިވްސް ޕްރޯ

އިޔަންގެ ވަރުގަދަ ވާދައެއް، މޮންޓެސްއާއި ހޯހޭ ކުރިއަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ޖޫނިއާ ފިރިހެން ޑިވިޝަންގެ ފަސްވަނަ ބުރަށް ދިޔަ އެތުލީޓުން ކަށަވަރުވެއްޖެއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް ހޮނިހިރު ދުވަހުން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ އިރު، މިއަދު ހެނދުނު ފެނިގެން ދިޔައީ ފިރިހެން ޑިވިޝަންގެ ހަތަރު ވަނަ ބުރުގެ ހީޓްތަކެވެ. އޭގެފަހުން އަންހެން ޑިވިޝަންގެ ހީޓްތަކާއި ޖޫނިއާ ޑިވިޝަންގެ ހީޓްތައްވެސް ފެނިގެން ދިޔައެވެ.

ޖޫނިއާ ބައިގެ ތިންވަނަ ހީޓްތައް މިއަދު ކުރިއަށް ގެންގޮސްފައިވާ އިރު، ހީޓް އެކަކުން ހީޓް ފަހަކަށް ސީދާ ދަތުރުކުރީ ބްރެޒިލްގެ ގުއިލާމޯ މޮންޓެނެގްރޯ އަދި އޮސްޓްރޭލިއާގެ ޖޫނިއާ ޗެމްޕިއަން ޖެއި ޓެއިލާއެވެ. އެ ދެ ބޮޑީބޯޑަރުންވެސް ހޯދީ 13 ޕޮއިންޓްގެ ސްކޯއެކެވެ. އެ ހީޓުން ރެޕޯ ހީޓަށް ދިޔައީ މޮރޮކޯގެ އަބްދީ މުހައްމަދާއި ސާމީ ލާބީއެވެ.

ދެވަނަ ހީޓުން ފަސްވަނަ ހީޓަށް ސީދާ ޖާގައެއް ހޯދީ މިވަގުތު ޖޫނިއާ ރޭންކިންގެ އެއްވަނައިގައި އޮތް ސްޕެއިންގެ އެލެކްސެންޑްރޭ މޮންޓެސްއާއި ދެކުނު އެފްރިކާގެ ހޫގޯ ނައުޑޭއެވެ. މޮންޓެސްގެ ސްކޯއަކީ 11.35 އެކެވެ. ނައުޑޭގެ ސްކޯއަކީ 11.75 ޕޮއިންޓެވެ. އެ ހީޓުން ރެޕޯ ހީޓަށް ދިޔައީ ސްޕެއިންގެ އީތަން ޕެރޭޒާއި އެމެރިކާގެ ޑްރޭކް ކިންގްހޯނެވެ.

ޖޫނިއާ ތިންވަނަ ހީޓްގައި ރާއްޖޭގެ އިޔަން އަހުމަދު ވާދަކޮށް، ތިންވަނަ ހޯދިއެވެ. އެއީ 8.35 ގެ ސްކޯއަކާއެކުގައެވެ. އެ ހީޓުން ސީދާ ފަސްވަނަ ބުރަށް ދިޔައީ ކުރީގެ ޖޫނިއާ ވޯލްޑް ޗެމްޕިއަން، އަދި އެންމެފަހުން ވިސިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ޗެމްޕިއަން ހޯހޭ ހެނާންޑޭޒާއި ފްރާންސްގެ މިލޯ ލައުޓިއޭއެވެ. ހޯހޭ ވަނީ 13.9 ގެ ސްކޯއެއް ހޯދައިފައެވެ. މިލޯ ހޯދީ، 12.4 ގެ ސްކޯއެކެވެ. އިޔެންއާއެކު ދެން ރެޕޯއަށް ދިޔައީ މިކޭލް އަރައިގަދާއެވެ.

ތިންވަނަ ބުރުގެ ފަހު ހީޓްގައި މިޝީލް ޔަންސީއާއި ސްޕެއިންގެ ހޫގޯ މެޑީނާ އަދި ޕޯޗުގަލްގެ ފްރެޑެރިކޯ ކަސްޓޭލޯ ބްރާންކޯ އަދި ވިންސެންޓޭ ކަމްޕޯސް ވާދަކުރި އިރު، ހީޓް ނެގީ އެންމެ ހަގު ބައިވެރިޔާ ކަމްޕޯސްއެވެ. ދެވަނައަކީ ކަސްޓޭލޯއެވެ. ކަމްޕޯސްގެ ސްކޯއަކީ 10.45 އެކެވެ. ކަސްޓޭލޯގެ ސްކޯއަކީ 9.45 އެކެވެ. ޔަންސީއާއި މެޑީނާ ދިޔައީ ރެޕޯ ހީޓަށެވެ.

ޖޫނިއާ ބައިގެ ހަތަރުވަނަ ހީޓް، ރެޕޯ ހީޓް އެކަކުން ފަސްވަނަ ބުރަށް ދިޔަ ދެ ބޯޑަރުންނަކީ އީތަން ޕެރޭޒާއި އަބްދީ މުހައްމަދެވެ. އީތަންގެ ސްކޯއަކީ 12.05 އެކެވެ. އަބްދީގެ ސްކޯއަކީ 11.55 ގެ ސްކޯއަކުންނެވެ. އެ ބުރުން ކެޓީ ކިންގްހޯނާއި ސާމީ ލާބިއެވެ.

ހަތަރުވަނަ ބުރުގެ ދެވަނަ ހީޓްގައި ރާއްޖެގެ އަޔަން ރަނގަޅު ވާދައެއް ކުރިއެވެ. އެ ހީޓްގެ އެއްވަނަ އަރައިގަދާ 12.5ގެ ސްކޯއަކުން ގެންދިޔަ އިރު، ދެވަނަ ހޯދީ ހޫގޯ މެޑީނާއެވެ. އިޔަން ވަނީ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކޮށް، ރަނގަޅު ސްކޯއެއް ހެދޭތޯ މަސައްކަތް ކޮށްފައެވެ. ސަޕޯޓަރުންގެ ހަޅޭކުގެ އަޑާއެކު ފޯރިގަދަކޮށް ކުރިއަށްދިޔަ ހީޓްގައި އިޔަންއަށް ހޯދުނީ 7.05 ގެ ސްކޯއެކެވެ.

އަންހެން ފަސްވަނަ ބުރުގެ ފަހު ޖާގަތައް ނަމީކާ، ލުއާނާ، އަދި ޕަމޭލާ

އަންހެން ޑިވިޝަންގައި މިއަދު ކުރިއަށް ގެންދިޔައީ ހަތަރު ވަނަ ބުރު، ރެޕޯ ބުރުގެ ދެ ހީޓެވެ. ފުރަތަމަ ހީޓްގައި ޖަޕާނުގެ ނަމީކާ ޔަމަޝީތާ، ޕޯޗުގަލްގެ ލުއާނާ ޑޮއުރާޑޯގެ އިތުރުން މަރިއާނާ ރޯސާ އަދި ބްރެޒިލްގެ ނިކޯލް ކަލެއިރޯސް ވާދަކޮށްފައިވާ އިރު، ހީޓްގެ އެއްވަނަ ހޯދީ ނަމީކާއެވެ. އެއީ 11.55 ގެ ސްކޯއަކުންނެވެ. ހީޓްގެ ދެވަނަ ހޯދައި، އަނެއް ބުރަށް ދިޔައީ ލުއާނާއެވެ. އެއީ 10.1 ގެ ސްކޯއަކުންނެވެ.

ދެވަނަ ހީޓްގައި ދުނިޔޭގެ ޖޫނިއާ ޗެމްޕިއަންކަން މިއަހަރު ޔަގީންކޮށްފައިވާ ބްރެޒިލްގެ ލޫނާ ހާޑްމަން އަދި މޭލާ ވެންޓޫރިން އަދި ދެކުނު އެފްރިކާގެ ޕަމޭލާ ބޯރެން އަދި ޖަޕާނުގެ ކައިރާ ޝިރަހާސޭ ވާދަކޮށްފައިވެއެވެ. އެހީޓްގެ އެއްވަނަ ހޯދީ ޕަމޭލާއެވެ. އެއީ 10.55 ގެ ސްކޯއަކުންނެވެ. ލޫނާ އަނެއް ބުރު ޔަގީންކުރީ 10.5 ގެ ސްކޯއަކުންނެވެ.

ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ. މުބާރާތުގެ ފޯރިގަދަ ހީޓްތައް މާދަމާވެސް އޮންނާނެއެވެ.

މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.