މުޙައްމަދު ޝަމްޢޫން
ޖަޕާނުގެ ސާރީ އޮހާރާގެ ހުނަރަކީ މިވަގުތު ރާއްޖޭގައި ކުރިއަށްދާ ވިސިޓް މޯލްޑިވްސް ޕްރޯ 2024 އިން އެންމެ ފާހަގަކޮށްލެވުނު އެއް ހުނަރުވެރިކަމެވެ. އެހެންވާނެތާއެވެ. އޭނާއަކީ މިހާރުވެސް ދުނިޔޭގެ އަންހެން ޗެމްޕިއަނެވެ. މިދިޔަ އަހަރު އޭނާ އެ މަގާމު ހޯދީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ސިންޓްރާ އިވެންޓް ކާމިޔާބުކޮށްގެންނެވެ. އެއީ އޮހާރާގެ ދެވަނަ ދުނިޔޭގެ ޓައިޓަލްއެވެ. އޭނާ ފުރަތަމަ އެ މަގާމަށް ޖެހިލީ 2019 ވަނަ އަހަރުއެވެ.
އޮހާރާގެ ފުރަތަމަ ދުނިޔޭގެ ތަށްޓާއެކުވެސް އޭނާ ދިޔައީ ޖަޕާނުގައި ބޮޑީބޯޑިންނަށް ހާއްސަ ކަމެއް ދެމުންނެވެ. ހާއްސަކޮށް ޖަޕާނުގެ އިތުރު އަންހެން އެތުލީޓުން މިހާރު ވޯލްޑް ޓުއާގައި ފެންނަމުން ދިއުމުގެ އެންމެ އިސް ދައުރެއް އަދާކުރީ އޮހާރާއެވެ.
"މިއީ ވޯލްޑް ޓުއާގައި ހިމެނޭ އަހަރެން އެންމެ ގަޔާވާ އެއް އިވެންޓް. އަދި ރާއްޖެއަކީ އަހަރެން އެންމެ ގަޔާވާވެސް އެއް ގައުމު. އަހަރެން ފުރަތަމަ ރާއްޖެ އައީ 2022 ވަނަ އަހަރު. އެ އަހަރުން ފެށިގެން، ރާއްޖޭގެ ރާޅުގެ ތަޖުރިބާއާއެކު އަހަރެންގެ ބޮޑީބޯޑިން ވަރަށް ބޮޑުތަނުން ކުރި އަރައިފި. މިއީ އެންމެ ހައި ލެވެލް، ދުނިޔޭގެ ލެވެލްގެ ރާޅު. އެތުލީޓެއްގެ ހައިސިއްޔަތުން މިއީ ހަމަ ވަރަށް އުފާވެރި މާހައުލެއް،" އިއްޔެ އޭނާގެ ހީޓް ކާމިޔާބުކޮށް، އޮހާރާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
އަންހެން ތިންވަނަ ބުރުގެ ފޯރިގަދަ ހީޓުތައް އިއްޔެ ފެނިގެން ގޮސްފައިވާ އިރު، އޮހާރާ ވާދަކުރީ ދެވަނަ ހީޓްގައެވެ. ދެވަނަ ހީޓުގައި މިވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތް ބްރެޒިލްގެ މައިރާ ވިއާނާވެސް ވާދަކުރި އިރު، އޮހާރާ ހީޓް ގެންދިޔައީ 10.5 ގެ ސްކޯއަކުންނެވެ.
އޮހާރާ ދުނިޔޭގެ ބޮޑީބޯޑިން ޓުއާއަށް ފުރަތަމަ ނުކުމެފައިވަނީ އުމުރުން އެންމެ 16 އަހަރުގައެވެ. އޭގެފަހުން ނުވަ އަހަރު ޓުއާގައި ހޭދަކުރި އިރު، ދެ ފަހަރަށް ދުނިޔޭގެ ތަށި ހޯދުނީ ކިހިނެއް މަސައްކަތްކޮށްގެންތޯ އެހުމުން، އޮހާރާ ދިނީ އަންނަން އޮތް ޖީލުތަކަށްވެސް އަގުހުރި މެސެޖެކެވެ.
"އަހަރެން އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް އައިއިރު، އަބަދުވެސް ދުނިޔޭގެ ތަށި ބޭނުންވޭ. އެހެންނަމަވެސް އޭރު ހިތަށް އަރަނީ އަހަންނަށް އެ ލަގަބު ހައްގެއް ނޫނޭ. އެހެން މެންޓާލިޓީ ހުއްޓައި، އެ ބަދަލުކުރަން ގިނަ ކަންތައްތަކެއް ބަދަލުކުރިން. އެގޮތުން އަހަރެންގެ އަމިއްލައަށް އެކަމަށް މަސައްކަތް ކުރަންވީ ގޮތެއް އެކުލަވާލައި، އަހަރެންގެ އަމިއްލަ ލަނޑުދަނޑިތަކެއްވެސް ކަނޑައެޅިން. އަހަރެން އަމިއްލައަށް ދެނެގަތިން އަހަރެންގެ އެންމެ ގަދަ ފަޔަކީ ކޮބައިތޯ. އެ ހިސާބުން ދެން މަސައްކަތްކުރީ އިތުބާރާއެކު،" ޖަޕާނުގެ ތަރި އޮހާރާ ބުންޏެވެ.
އޮހާރާ ބުނީ ދުނިޔޭގެ ޗެމްޕިއަންކަމުގެ ލަގަބަކީ އޭނާއަށް "އެހާ ހާއްސަ ލަގަބެއް" ނޫން ކަމަށާއި، އަބަދުވެސް ގަބޫލުކުރަނީ އޭނާއަކީ އެންމެ މޮޅު އެތުލީޓު ނޫން ކަމަށެވެ. އަދި އަބަދުވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަން ހިތްވަރަކަށް އެ ވިސްނުން ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.
އޮހާރާ އިތުރަށް ބުނީ މީގެ ކުރިން ދެ ފަހަރު ޗެމްޕިއަންކަން ހޯދިފައި އޮތުމުން، އެ މަގާމު އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި މިއަހަރު ޗިލީގެ ދެ މުބާރާތެއް ގެއްލުނު ނަމަވެސް، އަދިވެސް ދުނިޔޭގެ ޗެމްޕިއަންކަން ހޯދަން ފުރުސަތު އެބައޮތް ކަމަށާއި، އެކަމަށް މަސައްކަތް ކުރާނެ ކަމަށް އޮހާރާ ބުންޏެވެ. އޮހާރާ އެ ވާހަކައިގެ ތެރެއިން ބުނީ މިވަގުތު އޮތް ހާލަތު އެންމެ ރަނގަޅު ނޫން ނަމަވެސް، ބޭނުމީ ޗެމްޕިއަންކަން ދިފާއުކުރުމަށް ކަމަށެވެ.
ޖަޕާނުގެ ތަރި އެންމެފަހު ބަހަކަށް ބުނީ "މިއީ ރާއްޖެ، މިއީ ދުނިޔެމަތީގެ ސުވަރުގެ، މިތަނުގައި ކޮންމެ ގޮތަކަށްވެސް ކަން ވެދާނެ. އަހަރެންގެ އުފާވެރި އެތައް ހަނދާނެއް މިތަނާ ގުޅިފައިވޭ،" ކަމަށެވެ.