ވިސިޓް މޯލްޑިވްސް ޕްރޯ

ޗެމްޕިއަން މިރާންޑާއާއި ސާރީ އޮހާރާ އަދި ވިއާނާވެސް ފަސްވަނަ ބުރަށް

ރާއްޖޭގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ އަންހެން އޯޕަން ޑިވިޝަންގެ ތިންވަނަ ބުރުގައި އެލެކްސެންޑްރާ ރިންޑާއާއި ޖަޕާނުގެ ސާރީ އޮހާރާ، ޕޯޗުގަލްގެ ތެރޭސާ ޕަޑްރޭލާ އަދި އެންމެފަހުގެ ވިސިޓް މޯލްޑިވްސް ޕްރޯގެ ޗެމްޕިއަން ތެރޭސާ މިރާންޑާ ތަފާތު ދައްކައިފިއެވެ.

ވިސިޓް މޯލްޑިވްސް ޕްރޯގެ ފޯރިގަދަ ހީޓުތައް އިއްޔެ އިން ފެށިގެން ރާޅުގަނޑުގައި ކުރިއަށްދާ އިރު، މިއަދު ހެނދުނު ފެށީ ފިރިހެން އޯޕަން ކެޓަގަރީގެ ދެވަނަ ބުރުގައި އިއްޔެ ނިންމާނުލެވުނު ހީޓުތަކުންނެވެ. އޭގެފަހުން އަންހެން ތިންވަނަ ބުރުގެ ފޯރިގަދަ ހީޓުތައް ފެނިގެން ގޮސްފައިވެއެވެ.

ނޮން އެލިމިނޭޝަން ރައުންޑެއްގެ ގޮތުގައި ކުރިއަށް ދިޔަ ރައުންޑްގެ ފުރަތަމަ ހީޓުގައި ޕޯޗުގަލްގެ ޖޮއާނާ ޝެންކާ އާއި ޖަޕާނުގެ ނަމިކާ ޔަމަޝީތާ އަދި އޮސްޓްރިއާގެ އެލެކްސެންޑާ ރިންޑާ އަދި މަރިއާނާ ރޯސާ ވާދަކުރި އިރު، އެ ހީޓް ކާމިޔާބުކުރީ ރިންޑާއެވެ. އެއީ 11.25 ގެ ސްކޯއަކުންނެވެ. ދެން އެ ހީޓުން ފަސްވަނަ ބުރަށް ދިޔައީ ޖޮއާނާއެވެ.

އަނެއް ދެ ބައިވެރިން ދާނީ ރެޕޯ ބުރަކަށެވެ. އެއީ ހަތަރުވަނަ ބުރެވެ.

ދެވަނަ ހީޓުގައި މިވަގުތު ދުނިޔޭގެ އެއްވަނައިގައި އޮތް ބްރެޒިލްގެ މައިރާ ވިއާނާއާއި ދެ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ، 2023 ވަނަ އަހަރު އަންހެން ދުނިޔޭގެ ޗެމްޕިއަން އޮހާރާ ރަނގަޅު ވާދައެއް ކުރިއެވެ. ހީޓް އޮހާރާ 10.5 އިން ގެންދިޔަ އިރު، ދެވަނައަށް ދިޔައީ ވިއާނާއެވެ. ދެން އެ ހީޓުގައި އެޅީ ލުއާނާ ޑޮއުރާޑޯއާއި ނިކޯލް ކަލޭރޮސްއެވެ.

ތިންވަނަ ހީޓުގައި މިއަހަރުގެ އަންހެން ޖޫނިއާ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލޫނާ ހާޑްމަންއާއި ޕޯޗުގަލްގެ ތެރޭސާ ޕަޑްރޭލާ އަދި ޖަޕާނުގެ ކައިރާ ޝިރަހަސޭއާއި ސާރާ ވާދަކޮށް، އެއްވަނަ ގެންދިޔައީ ޕަޑްރޭލާއެވެ. އެއީ 9 ގެ ސްކޯއަކުންނެވެ. ދެވަނައަށް ދިޔައީ އަބިކޯއެވެ.

އެ ބުރުގެ އެންމެފަހު ހީޓުގައި އެންމެފަހުގެ ވިސިޓް މޯލްޑިވްސް ޗެމްޕިއަން މިރާންޑާ ވަނީ 13.9 ގެ ސްކޯއަކާއެކު އެއްވަނައިގައި އަނެއް ބުރު ޔަގީން ކޮށްފައެވެ. އެ ހީޓްގެ ދެވަނައަކީ ބްރެޒިލްގެ ނޭމާރާ ކަވާލިއޯއެވެ. ތިންވަނައަކީ ދެކުނު އެފްރިކާގެ ޕަމާލޭ ބޯރެން އެވެ. ފުލަށް ދިޔައީ ބްރެޒިލްގެ މޭލާ ވެންޓުރިންނެވެ.

އަންހެން ރެޕޯ ހީޓުތައް މާދަމާ އޮންނާނެއެވެ. މިއަހަރުގެ އަންހެން ޑިވިޝަން ފޯރިގަދަވާނެ ކަމަށް ކުރިންވެސް ބެލެވިފައި އޮތް އިރު، އެއީ ރާއްޖޭގައި ދުނިޔޭގެ ޗެމްޕިއަންކަން ޔަގީންކުރަން ފުރުސަތު އޮތުމުންނެވެ.

ވިސިޓް މޯލްޑިވްސް 2024 މި މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރެއެވެ.

މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.