ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދޭންޖެހޭ 348 މިލިޔަން ރުފިޔާ، ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމްގެ ތަންފީޒީ މަރުހަލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްގެން ބާއްވައިފިއެވެ.
މިއަދު ހެނދުނު 10:45 ގައި ސިިވިލް ކޯޓުން މި އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ، އަޑުއެހުމަށް ނޫސްވެރިން ނުވައްދައި ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މި ޝަރިއަތުގެ އިތުރު އަޑުއެހުމެއް މިމަހު 20 ވަނަ ދުވަހު ބޭއްވުމަށްވެސް ވަނީ ނިންމައިފައެވެ.
އޭޖީ ފޯނު ނުނަންގަވާތީ މިމައްސަލައާ ބެހޭގޮތުން އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ، ހުސްވި އޭޕްރީލް މަހުގެ 18 ގަ އެވެ.
އެއީ ދީބާޖާ އިންވެސްޓްމަންޓަށް 2010 ވަނަ އަހަރު ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި ނަމަވެސް، 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށްފައިވާތީއެވެ.
ދައުލަތުން އެއްބަސްވުން ބާތިލުކުރުމުން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ދީބާޖާ އިންވެސްޓްމަންޓުން ހުށަހެޅުމުން އެ ކޯޓުން ވަނީ 2014 ވަނަ އަހަރު 348.10 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ސިވިލް ކޯޓުގެ ހުކުމް ބާތިލް ކޮށް ދައުލަތުން އެ ފައިސާ ދޭން ނުޖެހޭނެ ކަމަށް ނިންމިއެވެ.
ފަހުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ދީބާޖާ އިންވެސްޓްމަންޓުން އިސްތިއުނާފް ކުރުމުން، ސިވިލް ކޯޓުން ކުރި ހުކުމް ދަމަހައްޓައި ދައުލަތުން އެ ކުންފުންޏަށް 348.10 މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިއެވެ. އެ މައްސަލައިގައި ދީބާޖާ އިންވެސްޓްމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފައި ވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށް ވުރެ ފަހުންނެވެ. ސުޕްރީމް ކޯޓުންވެސް އެ ނުކުތާ ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުމުގެ ހައްގު ލިބޭ ފަރާތުން އެ ހައްގު ބޭނުން ކުރުމަށް ކަނޑައެޅިފައިވާ ޝަރުތުތަކާއި އިޖުރާއަތްތައް ފަހަނައަޅާ ނުދެވޭނެ ކަމަށާއި އެހެންކަމުން އިސްތިއުނާފު ކުރުމުގެ މުއްދަތު ފަހަނައަޅައި ދިއުމުން އެ ހައްގު ގެއްލޭނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުމުގެ ގާނޫނީ ނަތީޖާއަކީ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެން ދިއުން ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ލިބުނު މުއްދަތުގައި އިސްތިއުނާފަށް ހުށަހަޅާފައި ނުވާ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއްގެ ގޮތުގައި ނިންމައިފައެވެ.