އިބްރާހިމް ޒަކީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކަށް އެ ތަންތަން ހަވާލު ކުރުމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކުރަން ނިންމައިފިއެވެ.
ހައިދަރު މަޖިލީހަށް ހާޒިރުކޮށްދޭން އެދުނީ ގަލޮޅު އުުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމެވެ.
އޭނާ ހައިދަރާ ސުވާލުކުރެއްވުމަށް ހަމަޖެހިފައިވަނީ ގުޅިފަޅުން ބިން ލިބުނު މީހުންނަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯއާއި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ދީފައިވާ ގޯތިތައް ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާ ތާކުތޯ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް އެ ތަންތަން ހަވާލުކުރެވޭނީ ކޮންއިރަކުންތޯ އޮޅުންފިލުވުމަށެވެ.
މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މިދިޔަ ހަފުތާގައި މައުލޫމާތު ދެއްވަމުން ހައިދަރު ވަނީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތް ކުރަމުންދާ ފްލެޓް އިމާރާތްތަކުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ނިމޭނެ ކަމަށާއި އެހާތަނަށް ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އިއުލާން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.