ކަނޑުތަކުގެ ހޫނުމިން މަތިވުމާ ގުޅިގެން ފަރުތަކުގެ ގާ ހުދުވާނެ ކަމަށް ލަފާ ކުރެވޭތީ ފަޅުފުންކުރުމާއި، ބިންހިއްކުމާއި، ބީޗް ނަރިޝިން ފަދަ ކަންކަންކުރުން ވަގުތީގޮތުން މަޑުޖައްސައިލުމަށް މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން އެދިއްޖެއެވެ.
މެރިން ރިސާޗް ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ ސެޓެލައިޓް މައުލޫމާތަށް ބަލާއިރު ފަރުތައް ހުދުވުމުގެ މައްސަލާގައި މިވަގުތު ރާއްޖޭގައި އޮތް ދެވަނަ ގިންތި ކުރިއަށް އޮތް ހަފުތާގައި އިންޒާރުގެ ގިންތިއަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ސެންޓަރުން އިތުރަށް ބުނީ ގާ ހުދުވާކަން ފާހަގަކުރެވޭނަމަ އެފަދަ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ފޯމު ފުރުމަށްފަހު [email protected] މެއިލްއަށް ފޮނުވުމަށް އެދޭ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ގުޅި ލާމެހިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން މަތިވުމާ ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތަކުގެ ދެމެހެއްޓުމަށް ކުރަންޖެހޭނެ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އަދި ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިގުތިސޯދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ވެސް ފަރުތަކަށް ކުރާ އަސަރު ކުޑަކުރުން މުހިންމު ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.