ޚަބަރު

ފިޔޯރީގައި 3،000 ޓަނުގެ މަސް ކިރާ ފެކްޓްރީއެއް ހަދަން އަންނަ މަހު ހަވާލުކުރަނީ

ގދ. ފިޔޯރީގައި 3،000 ޓަނުގެ މަސް ކިރާ ފެކްޓްރީއެއް ހަދަން އަންނަ މަހު ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފިޔޯރީގައި 3،000 ޓަނުގެ މަސް ކިރާ ފެކްޓްރީއެއް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއީ އެ މަނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި ހަމައެކަނި ވައުދުފުޅެވެ.

ގދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ފިޔޯރީގެ ތަރައްގީއަށް ކަމެއް ކުރައްވާ ނަމަ، އެންމެ މުހިންމީ މަސްވެރިކަމުގެ ސިނާއަތަށް ކަމެއް ކޮށްދެއްވުން ކަމަށެވެ.

އެގޮތުން އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ފިޔޯރީގައި މަސް ކިރާ ފެކްޓްރީއެއް ހެދުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ގޮސްފައިވާ ހިސާބުން އެންމެ ލަސްވެގެން ފެބްރުއަރީ މަހުގެ ތެރޭގައި އެގްރިމެންޓުގައި ސޮއިކުރެވި، އޭގެ އެންމެ ގިނަވެގެން ދެ މަސް ދުވަހުގެ ތެރޭގައި އަމަލީ ގޮތުން ފެކްޓްރީގެ މަސައްކަތް މި ރަށުގައި ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ފެކްޓްރީއަކީ 100 ފިޝް މީލް ޕްލާންޓަކާއެކު ހަދާ 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭނެ ތަނެކެވެ. އަދި އެ ތަނުގައި 50 ޓަނުގެ އައިސް ޕްލާންޓެއްވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިނާއަތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވި އިރު މަސްވެރިންނަށް ދޭން އޮތް ފައިސާ އާއި މިދިޔަ އަހަރު ދޭންޖެހޭ ހުރިހާ ފައިސާ އަކާއެކު ބެކްލޮގް އެއްކޮށް ހަލާސްކޮށްފައިވާ ކަމަށެވެ.

އަދި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް މިހާރު ފައިސާ ދެމުން އަންނަ ކަމަށާއި އެކަން އެގޮތުގައި ކުރިއަށް އޮތްތަނުގައިވެސް މެދުނުކެނޑި ހިނގަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ.