މުޙައްމަދު ޝަމްޢޫން
ރާއްޖޭގެ ހިތްގައިމު މާހައުލުގައި ގައުމުގެ މެހެމާންދާރީގެ ހިތްގައިމު ތަޖުރިބާ ކޮށްލުމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު، ވިސިޓް މޯލްޑިވްސް 2024 ގައި ވާދަކުރާ އެތުލީޓުންނަށް ދައުވަތު ދެއްވައިފިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯ ރަސްމީކޮށް ފެށީ މިއަދު ރާޅުގަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކާއެކުއެވެ. މުބާރާތުގެ ވާދަވެރި ހީޓުތައް ފަށާނީ މާދަމާ ހެނދުނެވެ. މިއަދުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސަގާފީ ކުޅިވަރު ތަކާއެކު ނެށުމުގެ ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ރާފިއު ވިދާޅުވީ ވިސިޓް މޯލްޑިވްސް ޕްރޯއަކީ ގިނަ މަސައްކަތްތަކެއް ކޮށްގެން ބާއްވާ މުބާރާތެއް ކަމަށާއި އެކަމަށްޓަކައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އޭގެ އިތުރުން ރާއްޖެއިން ބޭރުން އައި ހުރިހާ އެތުލީޓުންނަށް މިނިސްޓަރު ވަނީ ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
"ތިޔަ ހުރިހާ ބޭފުޅުންގެވެސް ބިޒީ ޝެޑިއުލުން ވަގުތު ހުސްކޮށް، ރާއްޖޭގެ މި ހިތްގައިމު ރާޅުތަކުގައި ވާދަކޮށްލަން އައުމަކީ ޝުކުރުވެރިވާންޖެހޭ ކަމެއް. ރާއްޖެއަކީ މުޅި އޭޝިއާއިންވެސް ބޮޑީބޯޑިންގެ ވޯލްޑް ޓުއާ އިވެންޓެއް ހޯސްޓް ކުރާ ހަމައެކަނި ގައުމު. އެކަމަށްޓަކައި އައިބީސީއަށް ރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގައި ހޭދަކުރާ ވަގުތުތަކުގައި، ރާއްޖޭގެ މެހެމާންދާރީގެ އުފާވެރިކަން ހޯދާ. މުބާރާތުގައި ރަނގަޅު ވާދައެއްކޮށް، ރާއްޖޭގެ މި ހިތްގައިމުކަމުގައި އުފާކުރަންވާނެ. ހުރިހާ ޓޮޕް އެތުލީޓުން ރާއްޖެ އައުމަކީ ލިބޭ ޝަރަފެއް، އެކަމަށްޓަކައި އެތުލީޓުންނަށް ޝުކުރު އަދާކުރަން،" ރާފިއު ވިދާޅުވިއެވެ.
ވިސިޓް މޯލްޑިވްސް 2024 ގެ އޮފިޝަލުންގެ ބައްދަލުވުމާއި އެތުލީޓުންގެ ބްރީފިން ރޭ އޮތެވެ. އިވެންޓް އޮގަސްޓް ނުވަ ވަނަ ދުވަހާއި ހަމައަށް ދެމިގެންދާ އިރު، ޖުމުލަ 86 އެތުލީޓުން، 14 ގައުމަކުން މިފަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގައި މި ފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ރާއްޖޭގެ މޯލްޑިވްސް ޕްރޯ ދުނިޔޭގެ އެތުލީޓުންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ މިދިޔަ ދެ އަހަރުވެސް އިންތިޒާމު ފުރިހަމަ ކަމުންނެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.