ޚަބަރު

މިނިވަން ދުވަހުގެ ޕެރޭޑް ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި

މުހައްމަދު އިޝާން

ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްލަވާ ލައްވައިފިއެވެ.

އަސްކަރީ ޕެރޭޑާއި ކެޑޭޓް ކޯގެ ޕެރޭޑް ރޫޓް މާޗު ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން ނުކުމެވަޑައިގެންނެވީ ރައީސް އޮފީހުގެ އަމީރު އަހުމަދު މަގާވީ ފަޅިއަށެވެ. ރައީސްގެ ދެކަނބަލުން އެ ސަރަހައްދަށް ނުކުމެވަޑައިގެންނެވުމުން އެ ދެކަނބަލުންނާ އިސްތިގުބާލު ކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނާއި ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ.

އަސްކަރީ ޕެރޭޑާއި ރޫޓް މާޗް ބައްލަވާލެއްވުމުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އާންމުންގެ ގިނަ ބަޔަކުވެސް އެ ސަރަހައްދަށް ޖަމާވިއެވެ.