އަމީނީ މަގުގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފަޔަށް އަނިޔާތަކެއް ލިބިއްޖެއެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 2:45 ހާއިރު އަމީނީމަގު ފުރުގާން މިސްކިތް ކައިރިން ދެކޮޅުން އައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފަލުހުން މައުލޫމާތުދޭ ގޮތުގައި މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ހުޅަނގުން އިރަށް ދުއްވާފައި ދިޔަ ސައިކަލު ނުބައި ލޭނަށް އަރައި، ވެހިކަލެއް އޯވާޓޭކް ކުރަން އުޅެނިކޮށް އިރުން ހުޅަނގަށް ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށާއި މި އެކްސިޑެންޓުގައި ނުބައި ފަޅިން އައި ސައިކަލް ދުއްވަން އިން 23 އަހަރުގެ ފިރިހެން މީހާ އަތުގައި ލައިސަންސް އޮންނަ ކަމަށެވެ. ނަމަވެސް އަނެއް ސައިކަލު ދުއްވަން އިން 31 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ނުބައި ފަޅިން ދުއްވާފައި އައި މީހާގެ ކަނާތު ފުންނާބު މަތިން ކަފައިގެން ގޮސްފައިވާ ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އަނެއް ސައިކަލް ދުއްވަން އިން މީހާގެ ކަނާތު ފައިގެ މަތި ހަލާކުވެފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.