ސައުދީ އަރަބިއާއިން 2034 ގެ ވޯލްޑް ކަޕް ހޯސްޓް ކުރަން ހަދާފައިވާ ޕްލޭންގެ ބައެއް ހިއްސާކޮށްފިއެވެ.
ސައުދީން 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ހޯސްޓް ކުރަން ބިޑު ކޮށްފައިވާ އިރު، އެކަމަށް އޭޝިއާގެ އިތުރު ގައުމަކުން ބިޑުކޮށްފައެއް ނުވެއެވެ. އެހެންކަމުން ސައުދީއަށް މިހާރު އޮތީ ވޯލްޑް ކަޕް ހޯސްޓް ކުރަން ރާވާފައިވާ ގޮތުގެ ޕްލޭނެއް ފީފާއަށް ހުށަހެޅުމެވެ. އެ ޕްލޭން ހުށަހަޅަން ސައުދީއަށް ދީފައިވާ މުއްދަތަކީ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. ސައުދީގެ ވޯލްޑް ކަޕާމެދު ފައިނަލް ޖަވާބެއް ދޭނީ ޑިސެމްބަރު މަހު އޮންނަ ފީފާ ކޮންގްރެސްގައެވެ.
ސައުދީން ވޯލްޑް ކަޕް ހޯސްޓް ކުރަން ތައްޔާރުކުރާ ސްޓޭޑިއަމްތަކުގެ ބައެއް މައުލޫމާތުތައް ހާމަކޮށްފައިވާ އިރު، އެގައުމުން ބުނީ ވޯލްޑް ކަޕް ބާއްވާނީ 11 ސްޓޭޑިއަމްގައި ކަމަށެވެ. އޭގެ ތެރެއިން އެއް ސްޓޭޑިއަމަކީ ބިމަށްވުރެ މަތިން 350 މީޓަރު އުހުގައި ހަދާ ސްޓޭޑިއަމެއް ކަމަށް ޕްރޮޕޯސަލްގައިވެއެވެ.
އެ ސްޓޭޑިއަމަށް ދީފައި ވަނީ ނަމަކީ ނެއޮމް ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމާއި ސްޓޭޑިއަމާ ގުޅުންހުރި ބިނާތައް އިމާރާތްކުރަން ނިންމާފައިވަނީ ސައުދީގެ 2030 ގެ ތަސައްވަރުގައި ހިމެނޭ ލައިން ސިޓީގައެވެ. އެ ސިޓީއަކީ ސައުދީގެ އާމްދަނީ ތެލުގެ ބޭރުން ހޯދަން ތަރައްގީކުރާ ޓޫރިޒަމްގެ ސިޓީއެކެވެ.
ސައުދީން ވޯލްޑް ކަޕަށް ބޭނުންކުރާ 11 ސްޓޭޑިއަމްގެ ތެރެއިން އަށް ސްޓޭޑިއަމަކީ ވެރިރަށް ރިޔާދުގެ އަށް ސްޓޭޑިއަމެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު އެއް ސްޓޭޑިއަމް ކިންގް ސަލްމާން އިންޓަނޭޝަނަލް ސްޓޭޑިއަމް ހިމެނެއެވެ. ސައުދީން ޕްރޮޕޯސް ކޮށްފައިވަނީ ވޯލްޑް ކަޕްގެ ފައިނަލާއި އޯޕެނިން އެ ސްޓޭޑިއަމުގައި ހޯސްޓް ކުރުމަށެވެ.
ރިޔާދުގެ އިތުރުން ދެން މެޗުތައް ކުޅެން ނިންމާފައިވަނީ ޖިއްދާއާއި އަލް ހޮބަރު އަދި އަބްހާގެ ސްޓޭޑިއަމްތަކުގައެވެ.
ވޯލްޑް ކަޕް 2034 ވެގެންދާނީ 48 ގައުމަކާއެކު ކުޅެވޭ ފުރަތަމަ ވޯލްޑް ކަޕަށެވެ.