ޚަބަރު

ހުޅުމާލޭ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުތައް ނަގަން ފަހު ފުރުސަތު ދީފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައާއި ހެޖުތެރޭގައި ބަހައްޓާފައި ހުންނަ ގޮނޑި އަދި މޭޒުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަހު ފުރުސަތު ދީފިއެވެ.

ދުވާރުމައްޗާއި ހެޖުތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާކަމެކެވެ. އެހެންވެ އެ ތަކެތި ނަގަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ގައާއި މިދިޔަ ޖުލައި 24 ގައިވެސް އެޗްޑީސީން އެންގިއެވެ. ނަމަވެސް ގިނަ ބަޔަކު އެކަމަށް އިޖާބަދިންތަނެއް ނުފެނެއެވެ.

އެހެންވެ އެޗްޑީސީން އިއްޔެ ވަނީ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުތައް މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ނަގަން ފަހު ފުރުސަތު ދީފައެވެ. އަދި އެ ތާރީހަށް އެ ތަކެތި ނަގާފައިނުވާ ނަމަ، އެޗްޑީސީން އެ ތަކެތި ނަގައި، އެ ސަރަހައްދެއް ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން މުދަލަށް ލިބޭ ގެއްލުމަށް ޒިންމާނުވާނެ ކަމަށްވެސް ބުންޏެވެ.