ޚަބަރު

ކޯސްޓްލައިން ކުންފުނިން 304.1 މިލިއަން ރުފިޔާ ހޯދަން މެންބަރު ރަޝީދު ސިވިލް ކޯޓުގައި ދައުވާކޮށްފި

އަލީ އިހްސާން

ކޯސްޓްލައިން ކުންފުނިން 304.1 މިލިއަން ރުފިޔާ ހޯދުމަށް މެންބަރު އަހުމަދު ރަޝީދު ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

ގައްދޫ ދާއިރާގެ މެންބަރު ރަޝީދު "ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ ދައުވާކޮށްފައިވަނީ، ކޯސްޓްލައިނުން ރިސޯޓް ތަރައްގީ ކުރުމަށް ބ. އަތޮޅުން ނަގާފައިވާ ފިނޮޅަސް(މިހާރުގެ އަމިއްލަފުށި)އާއި މުއްދޫ (މިހާރުގެ ދުސިތް ތާނީ) އަދި ކަނިފުށި(މިހާރުގެ ފިނޮޅު) ތަރައްގީ ކުުރުމުގެ މަސައްކަތްތަކެއް ކުރުމަށް އޭނާއާ ހަވާލު ކުރުމަށް ފަހު، އެ މަސައްކަތްތައް އޭނާގެ އަތުން އަތުލައި އެހެން ފަރާތަކަށް ހަވާލުކުރުމުން ލިބުނު ގެއްލުމާއި އެ ހިސާބަށް އޭނާ ކޮށްފައިވާ މަސައްކަތްތަކަށް ލިބެން ޖެހޭ ފައިސާ ހޯދުމަށްކަމުގައެވެ.

އޭނާ ވިދާޅުވީ އެމަސައްކަތްތައް ކޮށްފައިވަނީ ކޮންމެ މަސައްކަތަކަށް އެގްރިމެންޓް ހެދުމަށްފަހު ކަމަށާއި އެމަސައްކަތްތައް ނިންމާފައިވާނެ ކަމުގައެވެ.

ރަޝީދު ވިދާޅުވީ އޭނާއާ ހަވާލުކޮށްގެން ބ. މުއްދޫގައި މަސައްކަތްތަކެއް ކުރަމުން ގެންދަނިކޮށް ކުއްލިއަކަށް އެ ރަށް ދުސިތް ތާނީ އަށް ކޯސްޓްލައިނުން ވިއްކާލާފައިވާ ކަމަށާއި، އެ ރަށުގައި ކުރި މަސައްކަތްތައް ނިންމައި، ދުސިތާނީ މޯލްޑިވްސް އިން އެމަސައްކަތަށްވާ ފައިސާ ކޯސްޓްލައިނަށް ދިން ނަމަވެސް، ރަޝީދަށް އެއްވެސް ފައިސާއެއް ކޯސްޓްލައިނުން ދީފައި ނުވާ ކަމުގައެވެ.

އެގޮތުން ރަޝީދު ހުށަހެޅުއްވި މައްސަލާގައި އޭނާ އެދިފައި ވަނީ ކޯސްޓްލައިނާ އެކު ހެދި އެއްބަސްވުމުގެ ދަށުން އެ ތިން ރަށުގައި ރިސޯޓް ތަރައްގީ ކުރުމަށް ރަޝީދުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށް 48.77 މިލިއަން ރުފިޔާ އާއި އެހެން ފަރާތަކާ މަސައްކަތް ހަވާލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލަށް 8.06 މިލިއަން ރުފިޔާ އަދި އިންވޮއިސްތަކަށް ފައިސާ ނުދެއްކުމުން ލިބުނު ގެއްލުމަށް 304.09 މިލިއަން ރުފިޔާ އެ ކުންފުނީގެ އަތުން ހޯދައިދިނުމަށެވެ.

މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެންބަރު އަހުމަދު ރަޝީދު އަށް ގައްދޫ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވިފައެއް ނުވެއެވެ.