އިބްރާހިމް ޒަކީ
ސިފައިންގެ މީހަކު ވަކިކުރީ ގޯސްކޮށްކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އިގުރާރު ވުމުން، އެމީހާއަށް 1.8 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސާޖަންޓް ފަސްޓް ކްލާސްގެ މަގާމުން އަލީ ވަހީދު ދަފްތަރު ނަމްބަރު 2472 ވަކިކުރި މައްސަލައެކެވެ.
ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ހިލާފުވެފައިވާތީ ކަމަށްބުނެ ސިފައިން ކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ ދަށުން އޭނާ ސިފައިންގެ ވަޒީފާއިން ވަކިކުރީ 25 ނޮވެމްބަރު 2013 ގައެވެ.
އަލީ ވަހީދުގެ ފަރާތުން އެ މައްސަލަ ފުރަތަމަ ސިވިލްކޯޓަށް ހުށަހެޅީ ދޭއް މާޗް 2014 ގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވާއިދާހިލާފަށް ކަމަށްބުނެ ކޯޓުގައި އޭނާ އެދިފައި ވަނީ، ވަޒީފާ އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކޮށްދޭ ދުވަހާ ހަމައަށް ވަޒީފާއިން ލިބެމުންދިޔަ މުސާރަ އާއި އެލަވަންސްތަކާއި، އެންމެހައި އިނާޔަތްތައް ހޯދުމަށެވެ. އަދި އެމްއެންޑީއެފްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި، އެލަވަންސްތަކަށް އެެއްވެސް ބަދަލެއް އައިސްފައިވާނަމަ އެ ބަދަލު ހިމަނައިގެން ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އިއާދަކޮށްދޭ ދުވަހާ ހަމައަށް އެބައި ލިބިދިނުމަށާއި، އެ ދެމެދުގައި ވޭތުވާ ދުވަސްތަކަކީ އޭނާ ހިދުމަތުގައި ދެމިހުރި ދުވަސްތަކެއް ކަމަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.
ދައުލަތުން ސިވިލްކޯޓުގައި ބުނެފައިވަނީ އަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައި ވަނީ، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، ތަހުގީގަށް ލިބިފައިވާ ހެތްކާއި ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް ސިފައިންގެ ގާނޫނާއި، ސިފައިންގެ އާއްމު ގަވާއިދުގެ ދަށުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ، އޭނާ ހިލާފުވެފައިވާ ކަމަށް އެމްއެންޑީއެފްގެ ތަހުގީގަށް ސާބިތުވާތީ، ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ގަވާއިދުގެ ދަށުން ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.
މި މައްސަލައިގައި 19 އޮކްޓޫބަރު 2014 ގައި ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ގާނޫނާހިލާފަށް ކަމަށެވެ.
އެހެންކަމުން އޭނާ އެމްއެންޑީއެފްގައި އަދާކުރަމުންދިޔަ ވަޒީފާ، 30 ދުވަހުގެ ތެރޭގައި ރުޖޫއަކޮށްދިނުމަށް، ނުވަތަ ސިފައިންގެ ގާނޫނުގެ ދަށުން ހަދާ ރިޓަޔާމަންޓް ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއްކަމަށް ކަނޑައެޅުމަށާއި، އޭނާ އެ ވަޒީފާގައި ދެމިހުރިކަމަށް ބެލުމަށާއި، 25 ނޮވެމްބަރު 2013 ވަނަ ދުވަހުން ފެށިގެން އޭނާ ވަޒީފާއަށް ރުޖޫއަ ކުރެވޭ ދުވަހާ ހަމައަށް ނުވަތަ ރިޓަޔާ ކުރެވޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އެންމެހާ އިނާޔަތްތައް ފުރިހަމައަށް ލިބިދިނުމަށް ވެސް ސިވިލްކޯޓުގެ ހުކުމްގައި ވެއެވެ.
ސިވިލް ކޯޓުގެ އެ ނިންމުން ރަނގަޅު ނޫން ކަމަށްބުނެ 23 ފެބްރުއަރީ 2015 ގައި ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެކެއް ޑިސެމްބަރު 2016 ގައި ހައިކޯޓުން ހުކުމް ކުރީ އަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާގައި ހުރެ ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ އެމްއެންޑީއެފްއިން ތަހުގީގު ކުރުމަށްފަހު، ތަހުގީގަށް ލިބިފައިވާ ހެތްކާއި ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި އޭނާ ވަޒީފާއން ވަކިކުރީ އެ މައްސަލައިގެ ތަހުގީގު ރިޕޯޓާއި ތަހުގީގަަށް ނެގިފައިވާ ބަޔާންތަކުން ފާޅުކަން ބޮޑު ގޮތެއްގައި އޭނާ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް އެ ފިކުރާއި ޕާޓީ ޕްރޮމޯޓް ކުރުމަށް އޮފީސް މާހައުލާއި އޮފީހުން ބޭރުގައި މަސައްކަތް ކޮށްފައިވާކަން އެނގެން އޮތުމުން އޭނާގެ އެ އަމަލަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނާއި ސިފައިންގެ އާއްމު ގަވާއިދާ ހިލާފް އަމަލެއްކަން ސާބިތުވާތީ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ހައިކޯޓުގެ ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާހިލާފަށް ކަމަށް ބެލެވެން ނެތުމުން، ސިވިލް ކޯޓުގެ ހުކުމް ބާތިލުކަމަށް ކަނޑައަޅައިފައެވެ.
އަލީ ވަހީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދޭއް ނޮވެމްބަރު 2020 ގައި ސުޕްރީމްކޯޓުން ކުރި ހުކުމްގައި ވަނީ، އަލީ ވަހީދު ވަޒީފާއިން ވަކި ކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރައީ އަދުލުވެރިކަން ގާއިމުކުރެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އިގުރާރު ވެފައިވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ވަޒީފާއިން ވަކިކުރިއިރު އެމްއެންޑީއެފްގައި އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަ ކުރުމަށް، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން އަމުރުކުރާ ކަމަށެވެ.
މީގެ އިތުރުން ބޭއިންސާފުން އަލީ ވަހީދު ވަކިކޮށްފައިވާތީ އަދުލުވެރި ބަދަލު ހައްގުވާ ކަމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށްވެސް ހުކުމްގައި ވެއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުމްގައިވާގޮތަށް އަދުލުވެރި ބަދަލެއް ހޯދުމަށް އަލީ ވަހީދުގެ ފަރާތުން މި މައްސަލަ އަނެއްކާވެސް ސިވިލްކޯޓަށް ހުށަހެޅިއެވެ.
އޭނާ ކޯޓުގައި އެދިފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ރުޖޫއަ ކުރެވޭ ދުވަހާ ހަމައަށް ވަޒީފާއިން ހައްގުވާ މުސާރަ އާއި އެލަވަންސްތަކާއި އިނާޔަތްތައް ހިމަނައިގެން ޖުމްލަ 2.1 މިލިޔަން ރުފިޔާ ހޯދުމަށެވެ.
ނަމަވެސް ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު މިއަދު ކުރި ހުކުމްގައި ވަނީ، އޭނާ ވަޒީފާއިން ވަކިކުރުމުގައި މައުލުއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމް ކުރެވިފައިނުވާކަމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އިގުރާރުވެެފައިވާތީ، އަލީ ވަހީދު ވަޒީފާއަށް ރުޖޫއަ ކުރުމަށާއި، ބޭއިންސާފުން އޭނާ ވަކިކޮށްފައިވާތީ، އަދުލުވެރި ބަދަލު ހައްގުވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އިއާދަކޮށްދިން ތާރީހު ކަމަށްވާ، 23 ނޮވެމްބަރު 2020 އާ ހަމައަށް މުސާރަ އާއި އިނާޔަތްތަކާއެކު ޖުމްލަ 1.8 މިލިޔަން ރުފިޔާ މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދެއްކުމަށް ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) އަށް އަންގާ ކަމަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.