ޚަބަރު

ވަޒީރުންގެ ބައްދަލުވުން ކާމިޔާބު، ރާއްޖެ އިންޑިއާ އިތުރު ދަތުރުތައްވެސް ފެށޭނެކަމުގެ އުއްމީދު ބޮޑު: ފައިސަލް

އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު، އަދި ސިވިލް އޭވިއޭޝަން މިނިސްޓަރާއި އެކު ކުރިޔަށް ގެންދެވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އެކަމުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާނޭ ކަމުގެ އުއްމީދު ބޮޑު ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް، އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު، ޝްރީ ގަޖެންޑްރަ ސިންގް ޝެކާވަތު އާ ބައްދަލުކުރެއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި ސިވިލް އޭވިއޭޝަން މިނިސްޓަރު، ޝްރީ ކިންޖަރާޕޫ ރާމްމޯހަން ނައިޑޫ އާ ބައްދަލުކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ފައިސަލް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި މަޓާޓޯ ގުޅިގެން، އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ހާއްސަ ރޯޑުޝޯތަކެއް ކުރިޔަށް ގެންދިއުމަށް ކުރައްވާ ދަތުރެކެވެ. މި ރޯޑްޝޯތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ އިންޑިއާގެ ވެރިރަށް ދިއްލީގެ އިތުރުން މުމްބާއީ އަދި ބެންގަލޫރުގައެވެ.

ދިއްލީގައި ހުންނަވައި، "ވަން"އަށް ރޭ ދެއްވި ފޯނު އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ އިންޑިއާގެ ޓޫރިޒަމް މިނިސްޓަރު އަދި ސިވިލް އޭވިއޭޝަން މިނިސްޓަރާ އެކު، ބޭއްވި ބައްދަލުވުންވެސް ވަރަށް އުއްމީދީ ކަމަށާއި ރާއްޖޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ދާއިރާއިން ކުރެވެން ހުރި ކަންކަން ގުޅިގެން ކުރިޔަށް ގެންދިއުމަށް އެ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.

"މި ބައްދަލުވުންތަކުގައި ދެ ވަޒީރުންވެސް ވަނީ ދެ ގައުމު ގުޅިގެން މަސައްކަތްކޮށް ކުރިޔަށް ދިއުމަށް ބޭނުންވާ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ. އެ ގޮތުން ރާއްޖެއަށް އަންނަ ފަތުރުވެރިން ބޮޑުތަނުން އިތުރުކުރެވޭނެ ކަމުގެ އުއްމީދު މި ވަނީ ބޮޑުވެފަ. ސިވިލް އޭވިއޭޝަން ދާއިރާއިންވެސް ރަނގަޅު ކުރިއެރުންތަކެއް ފެންނާނެ." "ވަން އޮންލައިން" އަށް މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދުރާ މޯދީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ދެއްވި ދައުވަތު ގަބޫލުފުުކުރައްވައި، އެ ގައުމަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަން މިނިސްޓަރު ފައިސަލް ފާހަގަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ އިންޑިއާގެ ޕްރައިވެޓް އެއާލައިންތަކުގެ ސީދާ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާއި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ފުޅާ ކުރުމަށް ވެސް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން އައްޑޫ ސިޓީއަށް ސީދާ ދަތުރުތައް ފެށުމަކީ މީގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާ މަސައްކަތެއް ކަމަށެވެ.

"އައްޑޫ ސިޓީއަށް ސިޓީއަށް ކުރެވޭ ސީދާ ދަތުރުތައް އިތުރުވުމުން އެ ސަރަހައްދުގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅު ކުރެވޭނެ. އެއީ ރައީސް ޑރ. މުއިއްޒުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް. ދެކުނުގެ ޓޫރިޒަމާއި ސީދާ ދަތުރުތައް މި ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފަ. އެހެންވީމާ އެ ކަންކަމަށް އިސްކަން ދީގެން އަޅުގަނޑު ހާއްސަ މަސައްކަތްތަކެއް އެބަކުރަން." މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.