ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ކުޅިވަރު އިވެންޓް، ބޮޑީބޯޑިން އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ ވިސިޓް މޯލްޑިވްސް ޕްރޯ 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް މިފަހަރުވެސް ދިރާގާއެކު އެއްބަސްވެއްޖެއެވެ.
މި އަހަރުގެ ވިސިޓް މޯލްޑިވްސް ޕްރޯ އިވެންޓް މި ފެށޭ މަހުގެ އެކަކުން ނުވައަކަށް ވަރުނުލާ ރާޅުގަނޑުގައި ބާއްވަން ތައްޔާރުވެފައިވާ އިރު، އެ އިވެންޓުގައިވެސް ދުނިޔޭގެ އެންމެ މޮޅެތި ބޮޑީބޯޑަރުން ބައިވެރިވާނެއެވެ. މިދިޔަ ދެ އަހަރުވެސް ރާއްޖޭގައި ވޯލްޑް ޓުއާގެ އިވެންޓުތައް ކާމިޔާބުކަމާއެކު ހޯސްޓް ކޮށްފައިވާ އިރު، އެ ދެ މުބާރާތާއި މި އަހަރުގެ މުބާރާތުގެވެސް ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.
ދިރާގުން ބުނެފައިވަނީ އަނެއްކާވެސް ވިސިޓް މޯލްޑިވްސް ޕްރޯއަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އެއީ އަނެއްކާވެސް ބޮޑީބޯޑިން އެސޯސިއޭޝަނާއެކު ވިސިޓް މޯލްޑިވްސް ޕްރޯގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަކީ. ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ، މުބާރާތަށް ފޯރުކޮށްދީ، ލޯކަލް އެތުލީޓުންނާއި ބައިނަލްއަގުވާމީ އެތުލީޓުންގެ ހުނަރު، ބޭރު ދުނިޔޭގެ އޯޑިއަންސަށް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އަދި ހާއްސަކޮށް ރާއްޖޭގެ ހިތްގައިމުކަން ބައިނަލްއަގުވާމީ އޯޑިއަންސަށް ފޯރުކޮށްދެވުމަކީ ލިބޭ ފަހުރެއް،" ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވިއެވެ.
ބޮޑީބޯޑިން އެސޯސިއޭޝަންގެ ފަރާތުން، އެ އެސޯސިއޭޝަންގެ ރައީސް، ހުސައިން ނިޒާމް ވިދާޅުވީ ދިރާގާ ނުލައި، މުބާރާތް އެންމެ ފުރިހަމަ ނުވާނެ ކަމަށާއި، މިދިޔަ ދެ އަހަރު ދެއްވި އެއްބާރުލުމުން، ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށެވެ. އަދި ދިރާގަކީ ބައިނަލްއަގުވާމީ މައިދާނަށް ރާއްޖޭގެ ބޮޑީބޯޑިން ގެންގޮސްދިނުމުގެ މުހިއްމު ބައިވެރިއެއް ކަމަށްވެސް ނިޒާމް ފާހަގަކުރެއްވިއެވެ.
ވިސިޓް މޯލްޑިވްސް ޕްރޯގައި މި ފަހަރުވެސް ރާއްޖޭގެ 15 އެތުލީޓުން ފެނިގެންދާނެއެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ހަތަރު ފަނޑިޔާރުން އިވެންޓުތައް އިންސާފުކުރަން ހަމަޖެހިފައިވާ އިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ރާއްޖެ އިން ނަގާ ފަނޑިޔާރެއް ކަމަށް އެސޯސިއޭޝަނުން ބުނެފައިވެއެވެ. މި އަހަރުވެސް ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެތުލީޓުން މުބާރާތަށް މިހާރު އައިސް، ރާޅުގަނޑުގައި ވާމްއަޕް ކުރަމުން ދެއެވެ.
މި އަހަރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރުގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ އެންމެފަހުގެ މައުލޫމާތު ގެނެސްދިނުމަށް ހާއްސަ ކަވަރޭޖެއް ގެނެސްދޭން "ވަން ސްޕޯޓްސް"އިން ވަނީ ނިންމައިފައެވެ.