ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް، އަންނަ ބުރާސްފަތި ދުވަހު ކުރިއަށް ގެންދަން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
މިއީ ކޮން މައްސަލައެއްކަން ނޭނގުނު ނަމަވެސް މިއީ ޕްރޮސެކިއުޓާ ޖެނެރަލް އިސްތައުނާފް ކޮށްފައިވާ މައްސަލައެއްކަން އެނގެއެވެ.
ސުޕްރީމް ކޯޓުގެ ތާވަލްގައި ބުނެފައިވަނީ މި މައްސަލައަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި މި މައްސަލަ ރައްދުވަނީ ރައީސް ޔާމީންއަށް ކަމަށެވެ. އަދި މިއީ ކޯޓު އަމުރަކާ ގުޅޭ މައްސަލައެއް ކަމަށްވެސް ތާވަލްގައި ބުނެފައިވެއެވެ.
މި މައްސަލައިގެ ޝަރީއަށް ކުރިއަށްގެންދާނީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ، އާއި ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ، އާއި ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ދީދީ، އާއި ފަނޑިޔާރު އަލްއުސްތާޒު ޢަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވާ ބެންޗަކުންކަމަށްވެސް ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑައިންގެ މައްސަލައާ ގުޅިގެން ދެ ކޯޓު އަމުރެއް ކްމިނިލްކޯޓުން މީގެކުރިން ނެރެފައިވެއެވެ.
އޭގެ ތެރެއިން އެއް އަމުރަކީ، ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ކޯޓު އަމުރެއްގެ ދަށުން ފްރީޒް ކުރުމަށް ނެރުނު އަމުރެކެވެ. ދެވަނަ އަމުރަކީ، މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރަން ނެރުނު އަމުރެކެވެ. ނަމަވެސް ފަހުން އެ ދެ އަމުރުވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ޔާމީނާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅީ އޭގެ ތެރެއިން ކޮން ކޯޓު އަމުރަކާގުޅޭ މައްސަލައެއްކަމެއް ސާފެއްނުވެއެވެ.