ޚަބަރު

މި ފަސް އަހަރުތެރޭ ވަޒީފާ ނުލިބޭ މީހަކު ނުހުންނާނެ: ސަލީމް

ސިޔާސީ މަގާމުތައް އިތުރުވެގެން ކަންބޮޑުވާން ނުޖެހޭ ކަމަށާއި މި ފަސް އަހަރުތެރޭ ވަޒީފާ ނުލިބޭ މީހަކު ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ދައުލަތް ވަރުގަދައަށް ހިނގާ ކަމަށްވަންޏާ، ސިޔާސީ މަގާމުތައް އަދިވެސް ޖެހޭނީ އިތުރު ކުރަން ކަމަށާއި އެ މަގާމުތައް ވެސް ދެނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އެއީ ދިރިއުޅުމަށްޓަކައި މަގާމާއި ފައިސާ ބޭނުންވާނެ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

"ހަމަ އަޅުގަނޑުމެން މި ބޭނުންވާ ފަދައިން އެންމެ ނިކަމެތި މީހާ ވެސް ބޭނުންވާނެ ރަނގަޅަށް ދިރިއުޅެން. އެހެންވީމާ އަޅުގަނޑުމެންގެ މަގުސަދަކީ މި ސަރުކާރުގައި، އަދި ކުންފުނިތަކުގައި އިތުރު ވަޒީފާތައް އުފައްދައި، އެހެން ވަސީލަތްތައް ވެސް މި ސަރުކާރުން ރައީސް މުއިއްޒު ކުރިއަށްއޮތް ތަނުގައި ގާއިމުކުރާނެ. އިރާދަކުރެއްވިއްޔާ މި ފަސް އަހަރުގެ ތެރޭގައި ވަޒީފާ ބޭނުންވާ މީހަކަށް ވަޒީފާ ނުލިބިއެއް ނުހުންނާނެ، ހުރިހާ މީހުން ތިބޭނީ ވަޒީފާގައި. އަދި އެމީހުން ތިބޭނީ ވެސް އެމީހުންނަށް އެކަށީގެންވާ މުސާރައިގައި. އެއްގޮތަކަށް ވެސް އަޅުގަނޑުމެން ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭ،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރު ބަނގުރޫޓުވާ ކަމަށްބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި، ކުރިން މުސާރަ ދޭ ދުވަހަށްވުރެ އެއް ދުވަސްކުރިން މިހާރު މުސާރަ ދޭ ކަމަށެވެ. އަދި ސިވިލް ސާވިސް ނުވަތަ ކުންފުންޏަކުން ވެސް މުވައްޒަފަކު ވަކިކޮށްފައިނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކާކަށްތޯ، ކޮން އެއްޗެއްތޯ މި ސަރުކާރު ހަވާލުވިފަހުން ނުލިބެނީ، ކޮން އެއްޗެއްތޯ އުނިވީ، ކޮން މަގާމެއްތޯ މަދުވީ، ސިވިލް ސާވިސް އިން މީހަކު ކަނޑާލިތޯ، ނޫނީ ކުންފުންޏަކުން މީހުންތަކެއް ކަނޑާލިތޯ، ނޫނީ އެހެން އެއްވެސް ދާއިރާއަކުން މުވައްޒަފަކު މަދުކުރިތޯ، ނުކުރޭ. ކުރިއްޔާ ކޮށްފައި އޮންނާނީ އިތުރު،" އޭނާ ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކިތަންމެ އެއްޗެއް ކިތަސް، އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ މި ސަރުކާރު ދާނީ ކުރިއަށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއިން ކަމަކަށް މާބޮޑަށް އަޅައެއް ނުލާނެ ކަމަށެވެ.