ޚަބަރު

އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި 148 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯ އިން މިއަދު ވަނީ އެ ކުންފުނީގެ އޭޕްރީލް-ޖޫންގެ މާލީ ހިސާބުތައް އެ ކުންފުނީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ. އެ ހިސާބުތައް ދައްކާ ގޮތުގައި އެސްޓީއޯއަށް 3.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 23 ޕަސެންޓުގެ ދަށްވުމެކެވެ.

އަދި ޖުމުލަ ފައިދާވެސް ވަނީ މީގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 16 ޕަސެންޓް ދަށްވެފައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާއެވެ.

އެސްޓީއޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖުމުލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އެ ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާ ގުޅިގެން ރާއްޖޭގެ މާކެޓުގައި ތެޔޮ ވިއްކާ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމާ ގުޅިގެން ކަމަށެވެ.

ނަމަވެސް ކުންފުނީގެ ޖުމުލަ ފައިދާ ދަށްވިކަމުގައި ވިޔަސް ހިންގުމުގެ ހަރަދު ނިސްބަތުން ދަށްވުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 203 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ދެވަނަ ކުއާޓާގެ ސާފު ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. ޓެކުހަށް ކެނޑުމަށްފަހު، އެ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 148 މިލިއަން ރުފިޔާއެވެ. އެއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 24 ޕަސެންޓް ދަށްވުމެކެވެ.